އިޓަލީ ލީގުގައި ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި، އުނދަގޫ ހާލަތެއްގައި ވެސް އުޑިނޭޒީ ބަލިކޮށްފިއެވެ.
ރޭ މިލާނުން އަމިއްލަ ދަނޑުގައި އުޑިނޭޒީގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި މިލާނުގެ ނެދަލޭންޑްސް މިޑްފީލްޑަރު ޓިޖާނީ ރެއިންޑާސްއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައިވާ އިރު، އެ ވަގުތުން ފެށިގެން މެޗުގެ ބާކީ ބައި މިލާނުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ރެއިންޑާސްއަށް ދެއްކި ރަތް ކާޑަކީ އޭނާ ސާންޑީ ލޮވްރިކަށް ކުރި ފައުލަށް ދެއްކި ރަތް ކާޑެކެވެ.
އެ ފައުލްގެ ރީޕްލޭން ފެނުނު ގޮތުގައި ރެއިންޑާސްގެ ފައިން މާ ބޮޑަކަށް ލޮވްރިކްގެ ފައިގައި ޖެހޭތަނެއް ނުފެނެއެވެ. އެކަމާ މިލާންގެ ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް، ވީއޭއާރުން ނިންމީ ރެފްރީގެ ނިންމުން ބަދަލުކުރަން، އެކަމަށް ބަހެއް ނުބުނުމަށެވެ.
މިލާނުން ރޭގެ މެޗުގެ ކުރީކޮޅުގައި ގޯލު ޖެހި އިރު، އެ ގޯލަކީ ކްރިސްޓިއަން ޕުލިސިޗްގެ ބޯޅައަކުން ސެމިއުލް ޗުކުވޭޒީ ޖެހި ގޯލެކެވެ. އެއީ އޭނާ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ.
އުޑިނޭޒީ މިލާންގެ ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގަން ކުރި މަސައްކަތުގައި ކިންގްސްލީ އެހިޒިބުއޭ ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ ހަނި ފަރަގަކުން އޮފްސައިޑް މަގާމެއްގައި އޮތް ކަމަށެވެ. އޭގެ ފަހުން މެޗު ނިމިނިމި އޮއްވައި އުޑިނޭޒީގެ ޑިފެންޑަރު ކްރިސްޓިއަން ކަބަސޭލޭ ކުރިއަށް ޖެހި ފޮނުވާލި ވޯޅަށް ބޭރަށް ދިޔައީ ހަނި ގޮތަކަށެވެ.
މެޗުގައި ދެވަނަ ގޯލެއް ޖަހަން މިލާނަށް ވެސް ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އެގޮތުން ޕުލިޗާއި ޓެމީ އަބްރަހަމަށް ލިބުނު ފުރުސަތުތައް ދިޔައީ ރަނގަޅަށް ބޭނުން ނުކުރެވިއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ