ބޫޓާންގައި ކުރިއަށްދާ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާ ބަލިކޮށްފިއެވެ.

ބޫޓާނުގެ ފުރަތަމަ ކްރިކެޓް ސްޓޭޑިއަމް ހުޅުވަން ކުޅޭ ޓީ20 ކުއަޑްރަންގިއުލާ ކްރިކެޓް މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާއާއި ބޫޓާންގެ އިތުރުން ތައިލެންޑް ވާދަކުރެއެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާ ބަލިކުރީ 23 ލަނޑުންނެވެ.

މިއަދުގެ މެޗުގެ ޓޮސް ދިމާވީ އިންޑޮނޭޝިއާ އަށެވެ. އެ ޓީމުން ޓޮސް ދިމާވުމުން ބެޓް ކުރުމަށް އަރައި، 19.2 އޯވަރު ތެރޭގައި 10 ކުޅުންތެރިން ނުބައިވި އިރު، ހެދުނީ 95 ލަނޑެވެ. އިންޑޮނޭޝިއާ އަށް އެންމެ ރަނގަޅަށް ކުޅުނީ 25 ބޯޅައިން 23 ލަނޑު ހެދި، އަހުމަދު ރަމްދޯނީ އާއި 33 ބޯލައިން 26 ލަނޑު ހެދި ޖުލާންގް ޒުލްފިކަރެވެ.

ރާއްޖެ އިން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުން ހަތަރު ވިކެޓް ނެގި އަލީ ޝުނާނެވެ. އޭގެ އިތުރުން ލީމް ޝަފީގް ތިން ވިކެޓް ނެގި އިރު، އަހުމަދު އަމީލް މައުރޫފްވެސް ވަނީ ދެ ވިކެޓް ނަގައިފައެވެ.

ރާއްޖެ އިން ބަދަލުގައި ކުޅެން އަރައި، 12 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 75 ލަނޑު ހެދި އިރު، އެ ހިސާބުން ވާރޭ ވެހި މެޗު ހުއްޓާލަން ޖެހިގެން ގޮތް ނިންމީ ޑަކްވޯތު ލެވިސް ސްޓާން (ޑީއެލްއެސް) މެތަޑުންނެވެ. އެ ނިންމުމާއެކު ހިސާބު ދެއްކީ ރާއްޖެ 23 ލަނޑުން މޮޅުވި ކަމަށެވެ.

ރާއްޖެ އިން ކުޅުނު ވަގުތު އެންމެ ރަނގަޅު ސްކޯއެއް ހެދީ 29 ބޯޅައިން 36 ލަނޑު ހެދި އިބްރާހީމް ޝައޮފް ހަސަނާއި 19 ބޯޅައިން 18 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތެވެ. އަދި އައްޒާމް މުހައްމަދު ވަނީ 17 ބޯޅައިން 15 ލަނޑު ހަދައިފައެވެ.

ރާއްޖެއިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއީ މާދަމާއެވެ.