ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އެރަށު ކަޝްމީރު، ނަބީހު ހުސެއިން، 24އ.އެވެ.

ފުލުހުން ދެންމެ ބުނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މީހާ ނަގައިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.