މޫސުން ގޯސްވުމުންނާއި އުދަ އެރުމުން ލިބޭނެ ގެއްލުން ދުރާލައި ލަފާކުރުމަށް ހާއްސަ ސްޓޭޝަނެއް ގާއިމުކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ކުރިއަށްއޮތް ދޮޅު އަހަރު ނުވަތަ ދެ އަހަރުތެރޭގައި "އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓިން" ނިޒާމެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.
މެޓް އޮފީހުން މޫސުން ލަފާކުރާއިރު ވާރޭ އަންނާނެ ކަމަށް ނުވަތަ މޫސުން ގޯސްވާނެ ކަމަށް އަދި ވައިގަނޑުގެ ތެރޭގައި ވައިދަގަވާނެ މިންވަރު ދުރާލައި ދެނެގަތުމަށް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންނަމަވެސް މި އިމްޕެކްޓުގައި އެއަށްވުރެ ބޮޑަށް މަސައްކަތްކުރަން ބޭނުންވަނީ. މިސާލަކަށް ކޮޅިގަނޑެއް އައިސްފިއްޔާ ނުވަތަ ވިލާގަނޑުގައި އޭގެ ސަބަބުން ކޮންކަހަލަ ގެއްލުންތަކެއްތޯ އެ ސަރަހައްދަކަށް ވާނީ. ފެން ބޮޑުވާނެތޯ، ނޫނިއްޔާ އުދައަރާނެތޯ ނުވަތަ ރާޅު އަރާނެތޯ، އެންމެ އިމްޕެކްޓު ވަނީ ކޮން ރަށެއްގެ ކޮން ހިސާބަކަށްތޯ. އެ ދިމާލަށް މަސައްކަތްކުރަމުން މިދަނީ،" ތޯރިގު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ތޯރިގު ވިދާޅުވީ މޫސުން ލަފާކުރާ ސްޓޭޝަންތައް އަޕްގްރޭޑްކުރުމާއި އިތުރު އަތޮޅެއްގައި މޫސުމީ އިދާރާގެ އޮފީހެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު