އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަތުލުމުން އެކަމާ ދެކޮޅަށް އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ހުޅުމާލޭގައި ހުންނަ ބައްސާމްގެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލުކުރަން އެންގީ މި މަހުގެ ހަ ވަނަ ދުވަހުގެ ކުރިންނެވެ. ނަމަވެސް އެ ޕާޓްމަންޓުތައް ބައްސާމް، ފުލުހުންނާ ހަވާލުކުރީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

ހައިކޯޓުން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ބައްސާމްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ވަނީ ނިންމައިފައެވެ. ނަމަވެސް ސަބަބެއް ސާފެއް ނޫނެވެ.

ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ، ހަސަން ވަހީދު އާއި ގއ. ގެމަނަފުށި/ ފެހިކުރި، މުހައްމަދު އަގީލް، 35 އެވެ. އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވެއެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.