ހުވަދުއަތޮޅު އުތުރުބުރީގައި އޮންނަ ރަށެއްކަމަށްވާ ކޫއްޑޫގައި ގާއިމުކޮށްފައިވާ އެއާޕޯޓުގެ ރަންވޭގެ ތާރަފަށަލަ ތުނިވެ ވަޅުގަނޑުތަކެއް ހެދުމާ ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލައިފި ކަމުގެ ޚަބަރު ނޫހުން ފެނިއްޖެއެވެ. ކޫއްޑޫ ރަންވޭއެކޭ އައްޑޫ ހައިވޭއެކޭ ތަފާތެއް ނެތްކަމަށް ސިފަކޮށްފައިވާތީވެސް ފެނިއްޖެއެވެ. ހިތަށް އަރައިފިއެވެ. މިއީ ކޫއްޑޫގެ ތާރީޚާ ގުޅިފައިވާ ކަމަކީތާއެވެ. ކޫއްޑޫގައި ހުންނަ ތަންތަން ތުނިވެ އާކުރަންޖެހުމުގެ ވަރަށް މަޝްހޫރު ވާހަކަ ވާހަކަވެސް ހުރެއެވެ. މިފަދަ އެއްވާހަކައަކީ ކޫއްޑޫ މާމިސްކިތުގެ ތަނބު ތުނިވެގެން އައުކުރާ ވާހަކައެވެ. ކޫއްޑޫއަކީ ކޮން ރަށެއް ބާވަައެވެ. އެއީ އިހުގެ ހަވަރުކުބުއްޑޫއެވެ. މީހުން ދިރިއުޅުނު ރަށެކެވެ. ކޮންމެވެސް ފުރޭތައެއްގެ ބިރުވެރިކަން ކުރިމަތިވެގެން ފަޅުވީކަމަށް ކިޔައެވެ. މުސްކުޅިބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު މީގެ ސަތޭކަ ފަންސާސް އަހަރު ކުރިންނެވެ. މީހުން ދިޔައީ ވިލިގިއްޔާއި މާމެންދޫއާއި ދެއްވަދޫއަށެވެ.

ހަވަރުކުބުއްޑޫއޭ ކިޔުނީ އުތީމު ބޮޑުތަކުރުފާނުގެ ރަސްކަމުގެ ދައުރުގައި ރާއްޖޭގެ ހަތަރު ރަށެއް ހަވަރަށް ދެއްވިއިރު އޭގެތެރޭގައި ކުބުއްޑޫ ހިމެނުމުންނެވެ. ހަވަރަށް ދެއްވި ހަތަރު ރަށުގެ ތެރެއިން ތިންރަށް ނިސްބަތްވަނީ ހުވަދުއަތޮޅަށެވެ. އެއީ ހަވަރުތިނަދޫ، ހަވަރުކާޑެއްދޫ ދެން ހަވަރުކުބުއްޑޫއެވެ. މިރަށްރަށުގެ ނަމުން ހަވަރު ކަނޑައިލެވުނީ ދާދިފަހަކުންނެވެ. މީގެތެރެއިން މިހާރު މީހުން ދިރިއުޅެނީ ތިނަދޫގައި އެކަންޏެވެ. ކާޑެއްދޫއާއި ކުބުއްޑޫގައި ގާއިމު ކުރެވިފައިވަނީ އެއަރޕޯޓެވެ. ކުބުއްޑޫގެ ނަން ކޫއްޑޫއަށް ބަދަލުވީ އެރަށް ފަޅުވިފަހުންނެވެ. އެއީ ކުރަމަތި ކެރަމިންތާއަކަށް، އަދި ފަރެހު ފަރެސްއަކަށް ބަދަލުވި ދުވަސްވަރެވެ. ކޮންމެއަކަސް އިހުގެ ހަވަރުކުބުއްޑޫ އަކީ މަސްވެރި ރަށެކެވެ. އެރަށާ ދާދިގާތުގައިވާ ކެދެެރޭ ކަނޑަކީ މަސްވެރިކަން ވަރަށްވެސް ތިޔާގި ކަނޑެކެވެ. ކޫއްޑޫއާއި ކެދެރޭ ކަނޑާއި ގުޅުވައިގެން ބުނެ އުޅޭ މުސްކުޅި މިސާލުބަހެއް އޮވެއެވެ. ކެދެރޭ ކަނޑުން މަސް ބާނަންޏާ ކުބުއްޑޫ މާމިސްކިތުގެ ތަނބަށް ބާރުކުރާނެއެވެ.

މިބަސް އުފެދުނުގޮތުގެ ވާހަކައަކީ ވަރަށްވެސް މަޝްހޫރު ވާހަކައެކެވެ. ހުވަދުއަތޮޅާއި އައްޑުއަތޮޅާއި ފުވައްމުލަކުގައިވެސް ވަރަށް މަޝްހޫރެވެ. ކޫއްޑޫގައި ތިބެނީ މަސްވެރިންނެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރު މަސްފޯރިޔަކީ އެހެން ހުރިހައި ފޯރިޔަކަށްވުރެ ބޮޑު ފޯރިއެކެވެ. މަސްވެރިޔާ އޭނާގެ އެނދުގައި ނިދައިފައި ފަތިސްވުމުގެ ކުރިން އަވަސްއަވަހަށް ތެދުވެގެން ތެޅެމުން ފޮޅެމުން ދޯންޏަށްދާއިރު ފެންވަރާނެ ވަގުތެއްވެސް ގިނަރޭރޭ ނުވެއެވެ. ކެދެރޭ ކަނޑުގައި މަސްވެރިކަން ރަނގަޅިއްޔާ އިރުއެރުމުގެ ކުރިން ކަނޑަށް ނުކުންނާން ޖެހެއެވެ. އެންދަމައިގެން އެންމެ ކުރީބައިގައި ކަނޑަށް ނުކުތުމަށްޓަކައި ފުރާން ޖެހެއެވެ. ފަޅުވެރިންނަށް ގޮވައި ތެދުކޮށް އަވަހަށް އަތިރިމައްޗަށް ދާން ކޮންމެ ދޯންޏެއްގެވެސް ކެޔޮޅުކަލޭގެ އަންގާނެއެވެ. މިއެންގުން އަންގާއިރު ގިނަމީހުން ތިބެނީ ފެންވަރަންވެސް ޖެހިފައެވެ. މަހަށް ފުރުން ލަސްވެދާނެތީ ކޮންމެ މީހަކުވެސް ދުވެފައިގޮސް މާމިސްކިތުގެ ތަނބުގައި ވަޅިން ރޮނގެއް އަޅައެވެ.

ފެންވެރުން ވާޖިބުވެފައިތިބޭ އެންމެން މިގޮތަށް ރޮނގު އަޅައިނިމި ހުރިހާ ދޯނިތައްވެސް މަހަށްފުރައި ނިމުނީމާ މިސްކިތު މުދިންކަލޭގެޔަށް އޮންނަ ކަމަކީ އެއްކަލަ ތަނބުގައި ހުރި ރޮނގުތައް ގުނުމަށްފަހު ގެޔަށްގޮސް ކޮންމެ ރޮނގަކަށް އެއްފަހަރު ފެންވެރުމެވެ. މިއީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރާކަމެކެވެ. މި ފެންވެރުންތަކުން ނިމިގެން މެންދުރު ނަމާދަށްގޮސް އެއްކަލަ ރޮނގުތައް މުދިންކަލޭގެ ކޮށައިލާނެއެވެ. މިގޮތަށް ކޮންމެ ދުވަހަކު ކޮށަމުން ކޮށަމުންގޮސް ނިކަން އަވަހަށް ތަނބު ތުނިވެދެއެވެ. ބަދަލުކުރާން ޖެހިދެއެވެ. މަސްވެރިކަމުގެ މޫސުމެއްވިއްޔާ ދެތިންފަހަރުވެސް ތަނބު އާކުރާން ޖެހިދެއެވެ. އެޒަމާނުގައި ތަނބު ހުންނަނީ ރުއްވަކަރުންނެވެ. ކޮންމެއަކަސް ކެދެރޭ ކަނޑުން މަސްބާނާތޯ ނުވަތަ ނުބާނާތޯ ބަލާ މީޓަރަކީ ކޫއްޑޫ މާމިސްކިތުގެ ތަނބެވެ. އެހެންވެގެން އުފެދުނު ބަހެކެވެ. ކެދެރޭ ކަނޑުން މަސްބާނަންޏާ ކުބުއްޑޫ މާމިސްކިތުގެ ތަނބަށް ބާރުކުރާނެއެވެ. ތަނބު ތުނިނުވަންޏާ މަސްވެރިކަން ނެތީއެވެ.

މިވާހަކަ އަދި އެހެން ގޮތަކަށްވެސް ކިޔައެވެ. މިކަމާ ގުޅޭ އަދިއެހެން ރިވާއެއްވެސް އޮވެއެވެ. ކެދެރޭ ކަނޑަކީ މުޅި ހުވަދުއަތޮޅުގައިވެސް އެންމެ މަސްތިޔާގި ކަނޑެވެ. އެހެންވީމާ ހުވަދުއަތޮޅުގެ ހުރިހާ ހިސާބަކުންވެސް އެކަނޑަށް މަސްދޯނިފަހަރު އާދެއެވެ. ތިނަދޫ، ރަތަފަންދޫ، ފިޔޯރީ ކަހަލަ ރަށްރަށުގެ މަސްވެރިންނަށް މަސްބާނައިގެން ކޮންމެ ދުވަހަކު ރަށަކަށް ނުދެވެއެވެ. އެގޮތުން ކޫއްޑޫގައި ރޭކުރަން މަޖުބޫރުވެއެވެ. މިގޮތަށް މަޑުކޮށްގެން ތިބޭއިރު ކޫއްޑޫ މިސްކިތަށް އަރައި ނަމާދުކޮށްގެން ތަނބުގައި ލެނގިލައިގެން ތިއްބާ ނިދޭގޮތް ވެއެވެ. ނިދިޖެހެއެވެ. އެފަދަ ކަންކަމުގެ އަސަރު އެންމެ ބޮޑަށް އެންމެ ރީއްޗަށް ފެންނަނީވެސް މިސްކިތުގެ ތަނބުންނެވެ. މި އަސަރުތައް ބޮޑުވަނީ ކެދެރޭ ކަނޑުގައި މަސްވެރިކަން ރަނގަޅު މޫސުމުގައެވެ. ކޫއްޑޫ މާމިސްކިތުގެ ތަނބަށް ބާރުބޮޑުވަނީ އެ މޫސުމުގައެވެ. މަތީގައި ބަޔާންކުރެވުނު ދެ ރިވާގައިވެސް މަސްވެރިކަން ރަނގަޅުވީމާ ބާރުބޮޑުވާ ތަނަކަށްވަނީ ކޫއްޑޫ މާމިސްކިތުގެ ތަނބެވެ.

ކުރީގެ ހަވަރުކުބުއްޑޫ މިހާރު އެއޮތީ ކުބުއްޑޫއަކުން ކޫއްޑޫއަށް ބަދަލުވެފައެވެ. މީހުން ދިރިއުޅޭ މަސްވެރި ރަށަކުން މިޒަމާނުގެ ސިނާއީ އަދި ދަތުރުފަތުރުގެ ހަބަކަށް ބަދަލުވެފައެވެ. ކުރީޒަމާނުގައި ކޫއްޑޫގެ ދުޅަހެޔޮކަން ބުނެދޭ މީޒާނަކީ މަތީގައި ބަޔާންކުރެވުނު ގޮތަށް ކޫއްޑޫ މާމިސްކިތުގެ ތަނބެވެ. މިހާރު އެ މިސްކިތުގެ އަސަރެއް އާސާރެެއް ހުރިކަމެއްވެސް ނޭނގެއެވެ. މިޒަމާނުގައި ކޫއްޑޫއަކީ ހުވަދުއަތޮޅުގެ އުތުރުބުރީގެ ސިނާއީ މަރުކަޒެވެ. ދަތުރުފަތުރުގެ ހަބެވެ. ކޫއްޑޫގެ މިއަދުގެ ދުޅަހެޔޮކަން ބުނެދޭ މީޒާނެއްވެސް އޮންނަންވާނެތާއެވެ. ހިތަށް އަރައެވެ. އެ މީޒާނަކީ ކޫއްޑޫ އެއަރޕޯޓުގެ ރަންވޭ ނޫންބާވައެވެ. އެހިސާބުގައި ފަތުރުވެރިކަން އާއްމުވެއްޖެއެވެ. ފަތުރުވެރިން އައުން ގިނަވެއްޖެއެވެ. ފްލައިޓް ޖެއްސުން ގިނަވެއްޖެއެވެ. އެހެންވީމާ މިޒަމާނުގައި ބުނަންޖެހެނީ މިހެންނެވެ. ކެދެރޭ ސަރަހައްދުގައި ފަތުރުވެރިކަން އޮތިއްޔާ ކޫއްޑޫގެ ރަންވޭއަށް ބާރުބޮޑުވާނެއެވެ. ރަންވޭ ތުނިވެ ހަލާކުވީމާ މަރާމާތުކުރަން ވަގުތު ނުލިބޭހާވެސް ބޮޑަށް ބާރުއަރާނެއެވެ.