ބަތަލާ ރާކުލް ޕްރީތް ސިންގު 80 ކިލޯގެ ޑެޑްލިފްޓެއް އުފުލުގެ ސަބަބުން އަނިޔާވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާއަށް އަނިޔާވީ ބެލްޓަކާ ނުލާ އެހާ ބަރުކޮށް ޑެޑްލިފްޓު އުފުލުގެ ސަބަބުން ބުރަކަށީގެ މަސްތަކަށް އަނިޔާވެގެންނެވެ. ރާކުލްގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުން މި މަހު ފަހެއްގައި ހިނގި އެ ހާދިސާއަށްފަހު އޭނާ އަދިވެސް އޮތީ ބެޑްރެސްޓުގައެވެ.

ނަމަވެސް ބުރަކަށްޓަށް އަނިޔާވެފައި ހުއްޓާވެސް ރާކުލް ވަނީ ކަސްރަތު ކުރުން ހުއްޓާނުލާ ކުރިއަށް ގެންގޮސްފައެވެ. އޭގެ ސަބަބުން އެ އަނިޔާ އިތުރަށް ވަނީ ގޯސްވެފައެވެ. އަދި އެ އަނިޔާއާއެކުވެސް ރާކުލް ގެންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ދޭދޭ ޕިޔާރު ދޭ 2' ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ.

އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން މީހާ ބުނީ، ޝޫޓިންތަކަށް ދިއުމުގެ ކުރިން ރާކުލް ބޭސް ބޭނުން ކުރާ ކަމަށާއި ފުރަތަމަ ދެތިން ދުވަހު ޑޮކްޓަރަކަށްވެސް ނުދައްކާ ކަމަށެވެ. ނަމަވެސް ފަހުން ޕިޒިއޮތެރަޕިސްޓަކަށް ދެއްކުމުން ވަގުތީ ހައްލެއް ލިބުނު ނަމަވެސް ފަހުން ތަދު އަނެއްކާވެސް އައިސްފައިވާ ކަމަށް ބުންޏެވެ.

އާއިލާގެ ފަރާތުން ބުނީ، ބުރަކަށީގެ ތަދު އެންމެ ގޯސްވެފައިވަނީ މި މަހު އޭނާގެ އުފަން ދުވަހުގެ ކުރިން އޮކްޓޯބަރު 10 ވަނަ ދުވަހު ކަމަށާއި އެ ދުވަހު މައިބަދައިގެ އެލް4، އެލް5 އަދި އެސް1 ނާރުތައް ޖޭމްވި ކަމަށެވެ. އަދި ލޭގެ ޕްރެޝަރު ދަށްވެ މުޅިގައިންދާ ހިއްލަން ފެށި ކަމަށާއި އެހެންކަމުން ޑޮކްޓަރުން އޭނާ ބެޑްރެސްޓަށްލި ކަމަށްވެސް ބުނެފައިވެއެވެ.

ރާކުލް މި މަވުތު އަނިޔާ އިން ރަނގަޅުވަމުން އަންނަކަމަށްވެސް ވެއެވެ.

"މިވީ ފަސް ދުވަސް. ވަރަށް މަޑުމަޑުން ލަހުން ރަނގަޅުވަމުން ދަނީ. އެކަމު ރިކަވާވޭ އެބަ. ރާކުލް އަކީ ވަރަށް ހިތްވަރުގަދަ މީހެއް. ރެސްޓު ކުރުމުގެ ބަދަލުގައި އޭނާ ޝޫޓިންވެސް ކުރިއަށް ގެންދިޔަ. އެ ހުރިހާ ކަމަކާއެކު އަނިޔާ ބޮޑުވަރުވީ. ނަމަވެސް މިއީ އޭނާއަށްވެސް ދަސްވި ފިލާވަޅެއް. ކުރިއަށް އޮތް ތަނަށް އަމިއްލަ ހަޑިގަނޑަށް ބަލައިގެން އުޅެން. އެދެނީ ވީހާވެސް އަވަހަށް އޭނާ އެކީ ރަނގަޅުވުން" އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިން ފަރާތުން ބުނިއެވެ.