ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން އާއި ކަރީނާ ކަޕޫރް 15 އަހަރަށްފަހު އެކުގައި ފެނިއްޖެއެވެ. މި ދެތަރިން އެކުގައި ފެނިފައިވަނީ ކުރިއަށް އޮތް ފިލްމު ކިންގްގެ އާ ޑާންސް ލަވަ ޑެޑީ ކޫލް އިންނެވެ.
މި ލަވަޔަކީ 1976 ވަނަ އަހަރު މަޝްހޫރު ބޭންޑު ބޮނީ އެމް އިން ނެރުނު މަޝްހޫރު ލަވަ ޑެޑީ ކޫލް އަށް ބޮލީވުޑްގެ ޒަމާނީ އަސަރުތަކެއް ގެނެސްގެން ތައްޔާރުކޮށްފައިވާ ލަވައެކެވެ. ލަވައިގައި ދެ ތަރިންގެ މެދުގައިވާ ފުރިހަމަ ގުޅުމާއި ހިތްގައިމު ނެށުމުގެ ހަރަކާތްތައް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ.
މި ލަވައިގެ މިޔުޒިކް އުފައްދާފައިވަނީ ސަޗިން-ޖިގަރ އެވެ. ލަވަ ކިޔާފައިވަނީ އަރިޖިތު ސިންގު އާއި ޝިލްޕާ ރާއޯ އެވެ.
މި ލަވައިގެ ކޮރިއޯގްރަފީ ތައްޔާރުކޮށްފައިވަނީ ވައިބަވީ މާޗަންޓް އެވެ. ލަވައިގެ ހިންދީ ލިރިކްސް ލިޔެފައިވަނީ ކުމާރު އެވެ.
ޝާހްރުކް އާއި ކަރީނާ އެންމެ ފަހުން އެކުގައި ފިލްމަކުން ފެނިގެންގޮސްފައިވަނީ 2011 ވަނަ އަހަރު ނެރުނު ފިލްމު ރާވަން އިންނެވެ. އޭގެ ކުރިން ދެ ތަރިން ވަނީ އަޝޯކާ އާއި ކަބީ ޚުޝީ ކަބީ ޣަމް އަދި ޑޮން ފަދަ ކާމިޔާބު ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފައެވެ.
ކޮމެންޓް