އިންޑިއާގެ ގޯއާގައި ބޭއްވި 57 ވަނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) 2026 ގެ އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު "ކަންތާރާ: އަ ލެޖެންޑް-ޗެޕްޓަރ 1" ގެ ރޯލުން ރިޝަބް ޝެޓީ ހޯދައިފިއެވެ.

މި ފެސްޓިވަލްގައި އިންޑިއާގެ އެންމެ މޮޅު ޑެބިއު ޑިރެކްޓަރުގެ އެވޯޑު "ހަނޫމާން އަންޝް" ފިލްމުން ޑރ. ވިޝާލް ޗަތުރުވެދީ ވަނީ ހޯދާފައެވެ. މީގެ އިތުރުން "ކަންތާރާ: އަ ލެޖެންޑް - ޗެޕްޓަރ 1" އަށް ވަނީ ހާއްސަ މެންޝަން އެވޯޑެއް ވެސް ލިބިފައެވެ.

މިއަހަރުގެ ފެސްޓިވަލްގެ އެންމެ މޮޅު ފިލްމަށް ދޭ ގޯލްޑަން ޕީކޮކް އެވޯޑު ލިބުނީ ޕޯޗުގަލްގެ ފިލްމު "އަކީ" އަށެވެ. އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑު "ވިޒިޓޭޝަން" ފިލްމުން ޖަރުމަނުގެ ޑިރެކްޓަރު ވޯލްކާ ޝްލޮންޑޯފް ހޯދިއިރު، އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވުނީ "ދަ މެލްޓްޑައުން" އިން މާޔާ އޯރޫކްއެވެ.

އޯޓީޓީ ސީރީޒްތަކުގެ ބައިން އެންމެ މޮޅު ވެބް ސީރީޒްގެ އެވޯޑު ހޯދީ "މޭޑް އިން އިންޑިއާ: އަ ޓައިޓަން ސްޓޯރީ" އެވެ. އިންޑިއާގެ ގޯއާގައި 9 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފެސްޓިވަލް ނިންމާލާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފިލްމީ ފަންނާނުންގެ ބައިވެރިވުމާއެކުގައެވެ.

ފެސްޓިވަލްގެ ޖޫރީން ބުނެފައިވަނީ ރިޝަބް ޝެޓީގެ އެކްޓިންއަކީ ފިލްމުގެ ފުރިހަމަކަން އިތުރުކޮށްދިން އިހުސާސުން ފުރިގެންވާ މޮޅު ހުށަހެޅުމެއް ކަމަށެވެ. ވިޝާލް ޗަތުރުވެދީގެ "ހަނޫމާން އަންޝް" އަކީ ސަގާފަތާއި އީމާންތެރިކަން ވަރަށް ސާދާ ގޮތަކަށް ސިނަމާއަށް ގެނެސްދީފައިވާ ފިލްމެއް ކަމަށް ޖޫރީން ފާހަގަކުރިއެވެ.