ކަނޑުމަތީގައި ހާލުގައި ޖެހުނު ރަޝިޔާ ބަޔަކު 67 ދުވަސް ފަހުން ފެނިއްޖެއެވެ.

ރަޝިޔާގެ ރައްޔިތަކު އޭނާގެ ބޭބެއާއި ބޭބެގެ ދަރިފުޅާއެކު ކަޓަމަރާނެއްގައި ރަޝިޔާގެ އޮކޮސްޓިކް ސަރަހައްދުގެ ކަނޑަށް ނިކުމެ އުޅެނިކޮށް ގެއްލުމުން ރެސްކިއު ޓީމުތަކުން ދިޔައީ ހޯދަމުންނެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ދެކުނު އޭޝިޔާ ސަރަހައްދުގެ ކަނޑުތަކުގެ ތެރެއިން އެންމެ ފިނި ކަނޑުކަމަށް ރެކޯޑު ކުރެވިފައިވާ ކަނޑަށް އެ ތިން މީހުން ގެއްލުނުތާ 67 ދުވަސް ފަހުން ފެނުނުއިރު، އެއިގެން ދަތުރުކުރި ރަޝިޔާ މީހާގެ ބޭބެއާއި ބޭބެގެ ދަރިފުޅު ވަނީ މަރުވެފައެވެ.

ހޯމަ ދުވަހު އެ ކަޓަމަރާން ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރި މަސް ބޯޓަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމީހުން ގެއްލުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު އެއީ ރަޝިޔާގެ ގަވާއިދުތަކާ އެއްގޮތަށް ދަތުރުކުރި އުޅަނދެއްތޯ ބެލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ދެމީހުންގެ މަރުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވެއެވެ.

ސަލާމަތްވީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ އާއިލާއިން ވަނީ އޭނާ ސަލާމަތްވީ ހަށިގަނޑު ބަރުވުމުން ކަމަށް ބުނެފައެވެ. ސަލާމަތުން ފެނުނު މީހާގެ ބަރުދަނުގައި 100 ކިލޯ ހުރިކަމަށް އޮފިޝަލުން ބުނެއެވެ.