ސިޔާސީ ވަޒީފާތަކުގެ އަދަދު 7000 އަށްވުރެ މަތިވެފައިވާ ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ސަރުކާރުން 7000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށްބުނެ އޮންލައިން ނޫހަކުން ގެނެސްދިން ހަބަރަކާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު ހީލާ ވަލީދު ވަލީދު އެކްސްގައި މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ "މިއީ ބުހުތާން ދޮގު ހަބަރެއް" ކަމަށެވެ. ނަމަވެސް ސިޔާސީ ވަޒީފާތަކުގެ ޖުމުލަ އަދަދު ހާމައެއް ނުކުރައްވައެވެ.

ހީނާ ވިދާޅުވީ ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އަދި ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ކަމަށް ވިދާޅުވިއެވެ.

"މިފަދަ ދޮގު ހަބަރު ލިޔަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށާއި، މިދިޔަ ފަސް އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން،" ހީނާ ވިދާޅުވިއެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިބި 228 މީހަކު ވަކިކުރަން މިއަދު އަންގަވައިފައެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކިކުރުމަށް އަންގަވާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސެނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.

އެ ބޭފުޅުން ވަކިކުރުމުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.