ކ. މާފުށީ ޖަލަށް ވަގަށް ފޯނާއި މަސްތުވާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަތަރު މީހަކު ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ ޖަލަށް މަނާތަކެތި ވެއްދުމަށް އެހީތެރިވެދޭ އަދި އެކަމުން މާލީ މަންފާ ލިބިފައިވާ ކަރެކްޝަންސްގެ 18 އަށްވުރެ ގިނަ އޮފިސަރުން ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ދައުލަތުން މިހާތަނަށް ދައުވާކުރީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ޖިނާހު އަބްދުއްރަހީމް އާއި އަލީ ހިޝާމް އާއި އަލީ ނާޒިމްގެ އިތުރުން އަލީ އަސްފާގު އެވެ.

އެމީހުންގެ ބަންދު މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއި ވަކީލު ވިދާޅުވީ، އެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުން ހައްޔަރުކޮށް މާފުށީ ކޯޓަށް ހާޒިރުނުކޮށް ކްރިމިނަލް ކޯޓަށް ގެނައިކަން އެނގެން އޮތް ކަމަށާއި، އެއީ އިޖުރާއަތްތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމަކީ، އެ މައްސަލައިގައި ދެން ހައްޔަރުކުރި ޒަޔާން މިނިވަންވި މައިގަނޑު ސަަބަބުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، ދިފާއީ ވަކީލު އެދުނީ އެ މީހުންވެސް ބަންދުން ދޫކޮށްލުމަށެވެ،

ދައުލަތުން އެ މައްސަލައިގައި ވެސް އެދުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އޮތްއޮތުން ބަދަލުކޮށް ޝަތުރުތަކާއެކު އެމީހުން ދޫކޮށްލުމަށެވެ. އޭގެ ތެރޭގައި ޕާސްޕޯޓް ހިފެހެއްޓުން ހިމެނެއެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމެވެ.