ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 200 މިލިއަން ރުފިޔާގެ ލޯނެއް ނެގުމަށް ސަރުކާރުން ގެރެންޓީ ދީފިއެވެ.

މި ލޯނަކީ ހަބީބް ބޭންކުން ނަގާ ލޯނެކެވެ.

މިއީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ނަގާ ލޯނެކެވެ.

އެޗްޑީސީން ބުނީ މި ލޯނު ބޭނުންކުރާނީ އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓު ފައިނޭންސް ހޯދުމަށް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ބިމެއް ހިއްކުމަށްފަހު އެ ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރުމަށް ވަނީ ހަމެޖިފައެވެ. އެ ސަރަހައްދު ހަ ޒޯނަކަށް ބަހާލައިގެން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ވެސް ޕްލޭންގައި ވަނީ ހިމަނައިފައެވެ. އަދި އެ ސަރަހައްދުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް ގާއިމް ކުރުމަށް ވެސް ވަނީ ހިމަނައިފައެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދުގެ ބައްދަލުވުމުގައި އެ ލޯނާމެދު ވަނި މަޝްވަރާކޮށްފައެވެ.