ރާއްޖޭގެ ގައުމީ ބޮޑީބޯޑިން ލީގު 2024 ގެ އެންމެފަހު އިވެންޓް، ނޭޝަނަލް ބަންޑުފިލާ ޗެލެންޖް 2024 އަންނަ ނޮވެމްބަރު މަހު މާލޭގެ ރާޅުގަނޑުގައި ބާއްވަން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިއުލާނުކޮށްފިއެވެ.
ބަންޑުފިލާ ޗެލެންޖްގައި ބައިވެރިވާން މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ވުމުގެ ސުންގަނޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު، މެންދުރުފަހު 3:00 އެވެ. މިއަހަރުގެ ބަނޑުފިލާ ޗެލެންޖްގައި ފިރިހެން އޯޕަން އިވެންޓާއި، ޖޫނިއާ ފިރިހެން އިވެންޓްގެ އިތުރުން އަންހެން އޯޕަން އަދި މާސްޓާސް އިވެންޓާއި ޑޮރޮޕްނީ އިވެންޓް ކުރިއަށް ދާނެއެވެ. ބަނޑުފިލާ ޗެލެންޖް ރާޅުގަނޑުގައި ކުރިއަށްދާނީ ނޮވެމްބަރު 12 އިން 16 އަށެވެ. އެ ޗެލެންޖް ވެގެންދާނީ ބޮޑީބޯޑިން ލީގު ޗެމްޕިއަނުން ކަނޑައެޅޭ ފޯރިގަދަ، ވާދަވެރި އިވެންޓަކަށެވެ.
މިއަހަރު މިހާތަނަށް ބޮޑީބޯޑިން ލީގުގެ ބުރުނު ޝިކާރުގެ އިތުރުން ލަބެރާ ޗެލެންޖް ބާއްވާފައިވާ އިރު، ބުރުނު ޝިކާރުގެ އަދި ލަބެރާގެވެސް ފިރިހެން އޯޕަން އަދި ޑްރޮޕްނީ ޗެމްޕިއަނަކީވެސް ލެޖެންޑް އަލީ ހުޝްރުވާން (ކުޑަ އައްޔަ)އެވެ. ބުރުނު ޝިކާރު އަދި ލަބެރާގެވެސް ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ.
ދެ މުބާރާތް ކާމިޔާބުކޮށް، ފިރިހެން އޯޕަން ބައިގެ ރޭންކިން އެއްވަނައިގައި މިވަގުތު ކުޑަ އައްޔަ އޮތީ 2000 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލ. ގަމަށް އުފަން އަލީ ޖާވިދު (ޖާއްޓެ) 1720 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތް ފުވައްމުލަކުގެ މުހައްމަދު އަޒާން އަހުމަދު އޮތީ 1460 ޕޮއިންޓާއެކުގައެވެ. މިވަގުތު ހަތަރު ވަނައިގައި އަހުމަދު ނަޒްމީން އޮތް އިރު، އޭނާކެ ސްކޯއަކީ 1340 ޕޮއިންޓެވެ. ފަސްވަނައިގައި މުހައްމަދު ކައިފް އޮތީ 1230 ޕޮއިންޓާއެކުގައެވެ.
ޑްރޮޕްނީ އިވެންޓްގެވެސް އެއްވަނައިގައި މިވަގުތު އޮތީ ކުޑަ އައްޔައެވެ. އެއީ 2000 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އާމިން އުމަރު މޫސާ، 1720 ޕޮއިންޓާއެކު އޮތް އިރު، ދެން އޭގެ ފަހަތުން އޮތް ދާވޫދު ފަޒީހް އޮތީ 1460 ޕޮއިންޓާއެކުގައެވެ.
ޖޫނިއާ ބައިގެވެސް އެއްވަނައިގައި އޮތީ އަޒާނެވެ. އެއީ 2000 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އިޔަން އަހުމަދު އޮތީ 1590 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ނޫހް މުހައްމަދު ދުނައިމް އިރްޝާދު އޮތީ 1285 ޕޮއިންޓާއެކުގައެވެ.
ލީގުގެ ފަހު އިވެންޓްގައި ލީގު ޗެމްޕިއަނުން ކަނޑައެޅޭ އިރު، މިވަގުތު އޮތް ގޮތުން ލީގުގެ ފިރިހެން އޯޕަން ބަޔާއި ޑްރޮޕްނީ އިވެންޓްގެ ތަށްޓަށް އެންމެ ބޮޑު ފުރުސަތެއް އޮތީ ކުޑަ އައްޔައަށެވެ. އަނިޔާގެ ސަބަބުން އުނދަގޫ އަހަރަކަށް ކުޑަ އައްޔައަށް މިދިޔަ އަހަރުވި ނަމަވެސް، މިއަހަރު އޭނާ ފެންނަނީ ތަފާތު ފޯމެއްގައެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)