ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާކުރުމަށް ނިންމެވި ސަބަބުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ރައީސް މިއަދު ވަނީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް މިއަދު ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކުރައްވައިފައެވެ.

ރައީސް ވަނީ ވޭޕް މަނާ ކުރުމަށް ނިންމެވި ސަބަބުތައް ވެސް ހާމަ ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނުގެ އިންސްޓަގްރާމް އެކަންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފަސް ކަމެއް ހާމަ ކުރައްވައިފައެވެ. އެއީ:

  • އެއްވެސް ސަރުކާރަކުން ވޭޕްގެ މައްސަލަ ރެގިއުލޭޓް ކުރެވިފައި ނުވުން. އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް ޒުވާނުންނާއި ކުޑަކުދިން އަންނަނީ ހުށަހެޅެމުން
  • ވޭޕްގެ ޑިވައިސްތައް ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދަނީ އިތުރުވަމުން ދިއުން
  • ވޭތުވެދިޔަ ފަސް އަހަރު ދުވަހު 600،000 އަށްވުރެ ގިނަ ވޭޕް ޑިވައިސް ރާއްޖެއަށް އެތެރެކޮށްފައިވޭ
  • މަސްތުވާތަކެތި ފެތުރުމުގައި ބޭނުންކުރަމުންދާ އާ އުކުޅުތަކުގެ ސަބަބުން އެކަން ހުއްޓުވުން ޗެލެންޖިން ކަމަކަށްވެފައިވާތީ، އެތަކެތީގެ ވަބާގައި ޖެހި އޯވާޑޯޒް ވެގެން މަރުވާ ޒުވާނުންގެ އަދަދު އިތުރުވުން
  • ދުންފަތާ ދުރު ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް ޒުވާން ޖީލު ސަލާމަތް ކުރުން