ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގޭގެ މުވައްޒަފުންނާއި އެމީހުންގެ މުސަރައިގެ މައުލޫމާތު ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެންގެވީ، މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރަތަކުގެ ތަފުސީލު ހޯދުމަށް ހުށަހެޅި މައްސަލައިގައި ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރުކޮށް، އެ މައުލޫމާތުތައް ހާމަ ނުކުރަން ކޮމެޓީން ފާސްކުރުމާ ގުޅިގެންނެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެގޮތަށް ހުށަހަޅުއްވައިގެންނެވެ.

ނަމަވެސް ކޮމެޓީން އެގޮތަށް ފާސްކުރުމަށްފަހު، ކުއްލިއަކަށް ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު 4:00 ގައި ބާއްވަން މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއީ އެ ނިންމުން ބަދަލު ކުރެއްވުމަށް ރައީސް އެދިވަޑައިގަތުމާ ގުޅިގެން ބާއްވަން އެޖެންޑާކުރި ބައްދަލުވުމެކެވެ.