މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހާމަ ކުރުމަށް އިއްޔެ ވަނީ ފުލުހުންގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި މަރާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހާމަކޮށްފައެވެ. ވަރަށް ވެސް ތަފްސީލުކޮށެވެ.

ފުލުހުން މި މައްސަލައިގެ މައުލޫމާތު އިއްޔެ ހިއްސާކޮށްފައިވަނީ މައިގަނޑު އެއް ސަބަބަކާ ގުޅިގެންނެވެ. އެއީ އޭނާގެ މަރާ ގުޅޭ ގޮތުން "ޗެނަލް13" އިން ގެނެސްދިން ރިޕޯޓެއްގެ ސަބަބުންނެވެ. އެ ރިޕޯޓްގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އިރު، އެ ރިޕޯޓުގައި ވިފާގުގެ ދޮންބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އޭނާއަށް ނާޒިމް، ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.

އެކަންކަން ދޮގު ކުރުމަށާއި މަރާ ގުޅޭ ހަގީގަތްތައް ހާމަ ކުރުމަށް ފުލުހުން ވަނީ ޕްރެސްގައި ސާފުކޮށް ހުރިހާ ކަމެއް ކިޔައިދީފައެވެ. ވަރަށް ވެސް ސާފުކޮށެވެ. ހާއްސަކޮށް ވިފާގުގެ ޒާތީ މައުލޫމާތުތައް ހާމަކުރަން ނުޖެހޭ ނުވަތަ ހާމަ ކުރުން މުހިންމު ނޫން މިންވަރަށް ހާމަކޮށްފައިވެއެވެ.

ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތުގައި ވިފާގު ވެއްޓިފައިވަނީ އެދުވަހުގެ 17:37ގައެވެ. އެއީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ 10 ވަނަ ބުރިންނެވެ. އެ މަންޒަރު ވިފާގުގެ މަންމަ، ޒީނަތު އަބުދުﷲ އަށް ފެނިފައިވެއެވެ.

"ޒީނަތު ދިން ބަޔާނުގައި ބުނެފައިވަނީ ވިފާގު ސޯފާގައި ސައިބޯން އިންދަ ޒީނަތު، ވިފާގު ކައިރީ ބުނީ އިރުއޮއްސެނީއޭ އަވަހަށް ފެންވަރަން ދާށޭ. އެހެން ބުނެފައި ބަދިގެއަށް ވަންނަން ގޮސް ފަހަތް ބަލައިލި އިރު ހުރީ ފާރު މައްޗަށް ކޮޅަށް އަރައި. ދެން ފެނުނީ ވެއްޓުނު މަންޒަރު. ފުންމާލީ ކަމެއް ވެއްޓުނީ ކަމެއް ސާފު ނޫން ކަމަށް ޒީނަތު ބުނެފައިވޭ،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ވިފާގު ވެއްޓުނީ ޕާކް ކޮށްފައި އޮތް ހުދު ޕިކަޕެއްގެ ތެރެއަށެވެ. އެއިރު ވެސް އޭނާގެ ހަރަކާތް ނެތް ކަމަށް އެ ސަރަހައްދުގައި އެ ވަގުތު ތިބި މީހުން ބުނެފައިވެއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

ވިފާގުގެ މަރާ ގުޅިފައިވަނީ އޭނާ ތަހައްމަލު ކުރަމުންދިޔަ ޑިޕްރެޝަންކަން ފުލުހުން ވަނީ ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ. ފުލުހުން ވަނީ ވިފާގުގެ ޑިޕްރެޝަން ފެށުނު ހިސާބާއި އޭނާގެ ފަރުވާގެ އިތުރުން އޭނާ އަމަލު ކުރި ގޮތްތައް ވެސް ވަރަށް ސާފުކޮށް ކިޔައިދީފައެވެ. މިއީ މިފަދަ މަރަކާ ގުޅޭ މައުލޫމާތު މިހާ ތަފްސީލުކޮށް ހާމަ ކުރި ފުރަތަމަ ފަހަރު ކަމަށް ވެދާނެއެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު، ވިފާގު ޑިޕްރެޝަނަށް ޑައިގްނޯސް ކުރެވުނު ހިސާބު ސާފުކޮށްދެއްވަމުން ވިދާޅުވިގޮތުގައި އެކަން އެންމެ ފުރަތަމަ ޑައިގްނޯސް ކުރެވުނީ ވިފާގް ސީއެޗްއެސްސީގައި ކިޔަވަމުންދިޔަ ދުވަސްވަރުއެވެ. އެއީ 2016 ވަނަ އަހަރެވެ. އެ އަހަރުން ފެށިގެން ވިފާގު އަންނަނީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި ތެރަޕީ ނަގަމުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

އޭގެ ފަހުން 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެޑިންބާގަށް ކިޔަވަން ގޮސް ހުރި އިރުވެސް އޭނާ ތެރަޕީ ނަގާފައިވާ ކަމަށާއި އޭނާގެ ހާލަތު އިތުރަށް ގޯސްވީ ވެސް އިނގިރޭސިވިލާތުގައި ހުއްޓާ ކަމަށާއި އެގޮތުން 2023 އޮގަސްޓް މަހުގެ ތެރޭ ވިފާގުގެ ނަފުސާނީ ހާލަތު ގޯސްވެ، އެއްރެއެއްގެ ދަންވަރު އޭނާގެ މަންމައަށް ވީޑިއޯ ކޯލެއް ކޮށް، ބޭސްތަކެއް އެއްފަހަރާ އަނގަޔަށް އަޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ބޯ ބޭލި ވާހަކަ ވެސް ފުލުހުން ވަނީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

އެ ސަބަބާ ހުރެ އޭނާ އަނބުރާ ރާއްޖެ އަނބުރާ ގެނައި ފަހުން ގޭގެ ބެލްކަނިން ފުންމާލަން މަސައްކަތް ކޮށްގެން އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް ވޯޑްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ފަހުން ސެޑޭޓް ކޮށްގެން އިންޑިއާއަށް ގެންގޮސް އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާއިރު، އެ ހޮސްޕިޓަލުން އޭނާ "އިމޯޝަނަލީ އަންއެވެއިލަބަލް ޕާސަނާލިޓީ ޑިސްއޯޑާ"ގެ ސައިކޮލޮޖީ ސެޝަންތައް ކުރިއަށް ގެންދިއުމަށް ރިފާ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ވެސް އޭނާ އަކީ ޑިޕްރެޝަން ވަރަށް ބޮޑަށް ހުރި މީހެއްކަން އަންގައިދިނުމަށް އިތުރު ބައެއް ކަންކަން ފުލުހުން ހާމަކުރިއެވެ. އޭގެ ތެރޭގައި ،އިންޑިއާއިން ސޮލޭސް ނިއުރޯ ބިހޭވިއަރަލް ޗައިލްޑް ގައިޑެންސް ސެންޓަރުން އޭނާ ޕާސަނަލިޓީ ޑިސްއޯޑާގެ ބޯޑާލައިން އަށް ޑައިގްނޯސް ކޮށްފައިވާ ކަމާއި އޭނާ ހުޅުމާލޭ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދި ކަމަށް ބުންޏެވެ. އަދި ހަމަ އެހެންމެ، އޭނާގެ ކޮޓަރިން ވެސް ނަފްސާނީ ބައްޔާ ގުޅޭ ބޭސްތަކެއް ފެނުނު ވާހަކަ ފުލުހުން ހިއްސާކޮށްފައިވެއެވެ.

ޗެނަލް 13 އިން ގެނެސްދިން ރިޕޯޓްގައި އެންމެ ބޮޑު ތުހުމަތެއް ކޮށްފައިވަނީ އޭނާގެ ދޮންބައްޕަ ނާޒިމަށެވެ. ނާޒިމަށް ތުހުމަތުކޮށްފައިވަނީ އޭނާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ވަރަށް ވެސް ޒާތީ، ހާމަ ކުރަން ކޮންމެހެން ނުޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުލޫމާތެއް ހާމަކޮށްފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ޝިފާއު ވިދާޅުވީ ވިފާގުގެ ހަށިގަނޑު ބެލި އިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

"އައިޖީއެމްއެޗުންނާއި ފޮރެންސިކް ޓީމުން ތަހުލީލުތައް ހަދާފައިވާނެ. ވިފާގު ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން އަދި ވިފާގުގެ މެޑިކަލް ރިޕޯޓުން އެނގެން އޮތުމުން އޭނާ އަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާއަރަކަށް ވެފައިވާ މީހެއް ނޫންކަން ކަށަވަރު ކުރެވިފައިވޭ." އޭނާ ވިދާޅުވިއެވެ.

ޝިފާއު ވަނީ އެއްވެސް ލިޔެކިޔުމަކުން އަދި އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާ ލިބިފައިވާކަން އެނގިފައިނުވާ ކަމަށް ފާހަގަކުރައްވައިފައެވެ، ކުއްޖާގެ ފަރާތުން ވެސް އެފަދަ ވާހަކައެއް އެއްވެސް މީހަކާ ހިއްސާކޮށްފައިނުވާ ކަމަށް ޝިފާއު ވިދާޅުވިއެވެ. ވިފާގު މައްސަލައިގައި ފުލުހުން މައިގަނޑުކޮށް ހާމަ ކުރި ހުރިހާ މައުލޫމާތަކީ މިއީއެވެ، މި ހުރިހާ މާއުލޫމާތަކީ ވަރަށް ވެސް ޒާތީ މައުލޫމާތުތަކެކެވެ. މިއީ ފަހަރުގައި ހާމަ ކުރަން ނުޖެހޭ މައުލޫމާތުތަކެއް ކަމުގައި ވެސް ވެދާނެ އެވެ. ނަމަވެސް މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށެވެ.

އިއްޔެ ފުލުހުން ބޭއްވި ޕްރެސްއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މަރުވި މީހާގެ ވާހަކަތައް ކިޔައިދިން އިރު، ކޮންމެހެން ދައްކާން ނުޖެހޭ އެތައް ވާހަކަތަކެއް ދައްކައި، ދާން ނުޖެހޭ ހިސާބަށް ދިޔަ ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ފާޑުކިޔައި، ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ މައްސަލަތަކުގައި މައުލޫމާތު ހާމަކުރަން ވާނީ ވިކްޓިމްގެ ޒާތީ މައުލޫމާތުތައް ވީހާ ވެސް މަދުކޮށެވެ. މި މައްސަލައިގައި ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުގެ ސަބަބުން ވިފާގު "އޮރިޔާން ކޮށްފި" ކަމަށެވެ.

"ފުލުހުންގެ އަންޕްރޮފެޝަނަލްކަން. ޗެނަލް 13ގެ ޑޮކިއުމެންޓްރީގައި ހުރީ ނުބައި މައުލޫމާތުކަން ހާމަކުރަން ފުލުހުން މުޅި ދުނިޔޭގެ ކުރިމަތީ ވިފާގު އޮރިޔާން ކުރާކަށް ނުޖެހޭ،" އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.

މި މައްސަލައިގައި ވިފާގުގެ ސިއްހީ މައުލޫމާތުތަކާއި ޖިންސީ ގޯނާ އޭނާއަށް ކޮށްފައިނުވާ ކަމަށްބުނެ ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުގެ ސަބަބުން ފުލުހުންގެ ކްރެޑިބިލިޓީ ގެއްލިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.

"ބައެއް މައުލޫމާތުތަކަކީ ހާމަ ކުރަން ކޮންމެހެން ޖެހޭ މައުލޫމާތުތަކެއް ވެސް ނޫން. މިސާލަކަށް ކުއްޖާ އެއް ރޭ މަންމައަށް ގުޅާފައި ބޯ ބޭލީ. އެއީ ޑިޕްރެޝަންގައި ހުރި އެކުއްޖާއަށް އެވަގުތު ކުރެވުނު ކަމެއް. އެއީ ފުލުހުން މި ކޭސްގައި ހާމަ ކުރަންޖެހޭ ވަރުގެ ކަމެއް ނޫން. ދެން އަނެއް ކަމަކީ ބިކުރުވެރިއެއްކަން. ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ނުވާކަން ހާމަކުރަން މިފަދަ މައުލޫމާތެއް ހާމަކުރުން ހަމަ އެންމެ ރަނގަޅުތޯ؟ އެކަން ހާމަ ނުކޮށްވެސް އެކަން ދޮގު ކުރެވިދާނެ ދެއްތޯ. ކޯޓެއް ނޫން މިއީކީ ނޫސްވެރިންގެ ބައްދަލުވުމެއް. ވަރަށް އަންޕްރޮފެޝަނަލް،" ތަޖުރިބާކާރަކު "ވަން" އަށް ވިދާޅުވިއެވެ.

ވިފާގުގެ މަރާ ގުޅިގެން ފުލުހުން މިވަނީ ވަރަށް ވެސް ތަފްސީލީ މައުލޫމާތުތަކެއް އެންމެނަށް ދޫކޮށްލައިފައެވެ. އޭނާގެ މަރާއި އޭނާއާ ގުޅޭ ވަރަށް ގިނަ ޒާތީ މައުލޫމާތުތަކެކެވެ. މިއީ މީގެ ކުރިން އަމިއްލައަށް މަރުވާ މައްސަލަތަކުގެ މައުލޫމާތާއި މަރުވާ ކުދިންގެ ޒާތީ މައުލޫމާތުތައް ފުލުހުން ހާމަ ކުރާ މިންވަރަށް ވުރެވެސް ބޮޑަށް ހާމަކޮށްފައިވާ ފަހަރެކެވެ. ހާމަ ކުރަން ނުޖެހޭ މިންވަރަށް ކަމަށް މި ފަހަރު މިކަން ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. ސުވާލަކީ މިއީ އެވެ. ފުލުހުން އެ ހާމަކުރީ ކޮންމެހެން ހާމަކުރާން ޖެހޭ މައުލޫމާތުތަކެއް ހެއްޔެވެ؟ ނޫސްވެރީންގެ ބައްދަލުވުމެއްގައި ދައްކާން ނުޖެހޭ މިންވަރަށް މަރުވި މީހާގެ ވާހަކަތައް ދެއްކި ހެއްޔެވެ؟ ހިފަހައްޓާން ޖެހޭ މައުލޫމާތުތައްވެސް ދޫކޮށްލީ ހެއްޔެވެ؟ ޝިކާރައަކަށްވީ ފަރާތުގެ މައުލޫމާތު ހިމާޔަތް ކޮށްދެވުނު ހެއްޔެވެ؟

ކޮންމެ ގޮތެއް ވިޔަސް، މި ޕްރެސްގެ ސަބަބުން ނޫސްވެރީންވެސް ވަނީ ކަންބޮޑުވެފައެވެ. ފުލުހުން މިހާ ތަފްސީލީކޮށް މަރުވި މީހާގެ ސިއްރުތަކާއި ނަފުސާނީ މައްސަލަތަކާއި އެނޫންވެސް، ކޮންމެހެން ދައްކާން ނުޖެހޭ ވާހަކަތަކެއް ދެއްކީ ކީއްވެ ހެއްޔެވެ؟ އެ ވާހަކަތައް ނޫސްވެރީންނަށް މުހިންމު ހެއްޔެވެ؟ ނުވަތަ އެވާހަކަތައް އެ ގޮތަށް ނުބުނެ، ނޫސްވެރީން ބޭނުންވާ މައުލޫމާތު ނުދެވޭނީ ހެއްޔެވެ؟