ލެޖެންޑަރީ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗަށް 100 ވަނަ އޭޓީޕީ ތަށި ހޯދަން ފުރުސަތު ނުދީ، ޝަންހާއީ މާސްޓާސްގެ ޗެމްޕިއަންކަން ޔެކިން ސިނާ ހޯދައިފިއެވެ.
މިވަގުތު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ރޭންކް ކުރެވިފައިވާ ސިނާ، އޭނާގެ ފޯމު ދެމެހެއްޓީ މިރޭގެ ފައިނަލުގައި 7-6 (7-4) އަދި 6-3 އިން ޖޮކޮވިޗް ކައިރިން ފައިނަލުގައި މޮޅުވެގެންނެވެ.
އުމުރުން 37 އަހަރުގެ ސާބިއާ ލެޖެންޑް ޖޮކޮވިޗް މިރޭ ނުކުތީ ތާރީހީ ކާމިޔާބީއެއް ހޯދުމަށެވެ. އެއީ 100 އެޓީޕީ ތަށި ހޯދީ ތިންވަނަ ކުޅުންތެރިޔާއަށްވުމަށެވެ. މީގެ ކުރިން އެ ކާމިޔާބީ ހޯދާފައިވާ ކުޅުންތެރިންނަކީ އެޓީޕީ 109 މުބާރާތް ކާމިޔާބުކޮށްފައިވާ ޖިމީ ކޮނާސްއާއި 103 އޭޓީޕީ ތަށި ހޯދާފައިވާ ރޯޖާ ފެޑެރާއެވެ.
މަނާ ބޭހުގެ މައްސަލަތަކެއްގައި އަހަރު ފެށި ސިނާ، މިހާތަނަށް މިއަހަރު ހަތް ތަށި ހޯދާފައިވާ އިރު، ދާދިފަހުން މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ. ކޯޓުން ނިންމާފައިވަނީ ސިނާ މަނާ ބޭސް ބޭނުންކުރިކަން ސާބިތު ނުވާ ކަމަށެވެ. ސިނާ މިހާތަނަށް މިއަހަރު އޮސްޓްރޭލިއަން އޯޕަންއާއި ޔޫއެސް އޯޕަންވެސް ކާމިޔާބުކޮށްފައިވާ އިރު، މިއަހަރު ކުޅުނު 71 މެޗުން 65 މެޗު ކާމިޔާބު ކޮށްފައިވެއެވެ.
މިރޭގެ މެޗަށްފަހު ޖޮކޮވިޗް ބުނީ 100 އެޓީޕީ ތަށި ހަމަކުރަން އަދިވެސް އަޒުމެއްގައި ހުރި ނަމަވެސް، އެއީ އޭނާގެ މަރަށް އަދި ފުރާނައަށްޓަކައި ހާސިލުކުރަން ބޭނުންވާ ކާމިޔާބީއެއް ނޫން ކަމަށެވެ. މިހާތަނަށް ކެރިއަރުގައި 24 މޭޖާ ތަށި ޓެނިހުގައި ހޯދިފައި އޮތުމުން، އިތުރަށް ހާސިލުކުރަން ޖެހޭ މާ ބޮޑު ކާމިޔާބީއެއް ނެތް ކަމަށްވެސް ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗަށް މިއަހަރު ލިބުނީ އެންމެ ކާމިޔާބީއެކެވެ. އެއީ މިހާތަނަށް އޭނާގެ ޓެނިސް ކެރިއަރުގައި ނުހޯދި އޮތް ކާމިޔާބީއެކެވެ. ޖޮކޮވިޗް ވަނީ މިއަހަރު ފްރާންސްގައި އޮތް އޮލިމްޕިކްސްގެ ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދައި، ކެރިއަރު ފުރިހަމަކޮށްފައެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް