ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލައިގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރުމަށްފަހު އެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި، ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށްބުނެ ހައްޔަރުކުރީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބޭތިއްބުމަށްފަހު ދެ ފަހަރެއްގެ މަތިން އެމީހުންގެ މުއްދަތު އިތުރުކުރިއެވެ.

އެއަށްފަހު އެމްބަސީތައް ކައިރިއަށް އެއްނުވާން ޝަރުތުކޮށް ދޫކޮށްލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މައްސަލައާ ގުޅިގެން އެމީޙުން ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލަވެސް ޝާދިޔާގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވާފައިވަނީ، އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކަމަށެވެ.

މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރަކީ ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.