ރާއްޖޭގެ ދަރަނީގެ ކަންކަމާމެދު ލަފާ ހޯދަން ދިވެހި ސަރުކާރުން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް އައްޔަންކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެފައި އޮއްވައި، ދަރަނީގެ ކަންކަމުގައި ލަފާ ހޯދުމުގެ އެއްބަސްވުމެއްގައި ސެންޓަވިއު އާއެކު ރާއްޖެއިން ސޮއިކޮށްފައިވާކަން ރިޕޯޓް ކޮށްފައިވަނީ ރޮއިޓާސްގަ އެވެ. އެ ނޫހުން އެކަން ރިޕޯޓްކޮށްފައި ވަނީ ކަމުގެ މައުލޫމާތު އެނގޭ ދެ މަސްދަރާ ހަވާލާދީއެވެ.

ރޮއިޓާސް އިން ބުނެފައިވާ ގޮތުން އެކަމަށް ޖަވާބެއް ހޯދަން ހުށަހެޅުމުން ދިވެހި ސަރުކާރުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ހޯދަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދަށް މި ނޫހުން ގުޅައި މެސެޖު ކުރުމުންވެސް މި ވަގުތު ޖަވާބު ނުދެއްވާތީ ސަރުކާރުގެ ބަހެއްވެސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ސެންޓާވިއުއަކީ ސީނިއާ އިންވެސްޓްމަންޓް ބޭންކާސްތަކެއް ގުޅިގެން 2006 ވަނަ އުފެއްދި ފާމެކެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުން އެ ފާމުން ސޮވެރިން އެޑްވައިޒަރީ ވިޔަފާރި މުޅި ދުނިޔެއަށް ފުޅާ ކުރުމުގެ ގޮތުން މި ވަގުތު މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

ނިއު ޔޯކް ސިޓީގެ އިތުރުން ލަންޑަން، ޕެރިސް، ޗިކާގޯ އަދި ލޮސް އެންޖަލިސްގައިވެސް އޮފީސް ހިންގާ ސެންޓާވިއު އަކީ އެންމެ ބޮޑެތި އަދި އެންމެ ހައްސާސީ ވިޔަފާރި މައްސަލަތަކުގައި ލަފާ ދީފައިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި އެސްޓްރަޒެނެކާ އިން 39 ބިލިއަން ޑޮލަރަށް އެލެކްޒިއޮން ފާމަސޫޓިކަލް ގަތުން ހިމެނެއެވެ.

ރާއްޖޭގެ ދަރަނީގެ ކަންކަމުގައި ލަފާ ހޯދަން އެމެރިކާގެ ކުންފުންޏެއް އައްޔަންކުރި އިރު، ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ނުވަތަ އިސްލާމިކް ބޮންޑް ޑީފޯލްޓްވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި ސުކޫކް ޑީފޯލްޓްވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ ސުކޫކެއް ޑީފޯލްޓްވާ ފުރަތަމަ ގައުމަށެވެ.