މެލޭޝިއާގައި ބާއްވާ، މެލޭޝިއާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީގެ މި އަހަރުގެ މުބާރާތުގައި ރާއްޖެ ތަމުސީލު ކުރި ފާތިމަތު ޝާޔާ ޒާހިރު ތިންވަނަ ހޯދައިފިއެވެ.

މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް ގުރުއާން މުބާރާތް، މެލޭޝިއާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީއަކީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިއާއިން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި 71 ގައުމަކުން 92 މީހުން ބައިވެރިވިއެވެ.

މި މަހުގެ ފަހަކުން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ ޝާޔާ ވާދަކުރީ ރިސައިޓަލް ކެޓަގަރީގައެވެ. އެ ކެޓަގަރީން ޝާޔާއަށް ލިބުނީ 94.38 ޕަސެންޓެވެ.

އެ ކެޓަގަރީން އެއްވަނަ ހޯދީ ނައިޖާގެ މީހެކެވެ. އޭނާ 96.13 ޕަސެންޓް ހޯދި އިރު، 94.89 ޕަސެންޓާއެކު ދެވަނަ ހޯދީ މެލޭޝިއާގެ މީހެކެވެ.

މި އަހަރުގެ މުބާރާތުގައި އެކި ގައުމުތަކުން 15 ފަނޑިޔާރުން ފަނޑިޔާރުކަން ކުރެއްވިއެވެ. އޭގެ ތެރޭގައި މޮރޮކޯ، ތުރުކީ އަދި މި އަހަރު އަލަށް ސައުދީ އަރަބިއާ އަދި އިންޑޮނޭޝިއާގެ ފަނޑިޔާރުން ފަނޑިޔާރުކަން ކުރެއްވިއެވެ.