މާލޭ ސިޓީ ކައުންސިލަށް މި ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީގައި ބޭއްވި އިދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށެވެ.

"ކައުންސިލްގެ ތެރެއިން އަޅުގަނޑު ބުނާ ކަމެއް ވިއްޔާ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓެންޓުން ނަގައިގެން ހަމަ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން އެ ތިބީ ވެސް އެކަކު ނޫނީ،" އާޒިމް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލަށް ނަގާ ކޮންސަލްޓަންޓުންގެ މުސާރަ އުޅެނީ މަހަކު 30،000 ރުފިޔާއިން ފެށިގެން މަތީގައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ނުލައި 18 މެންބަރުން ހިމެނެއެވެ. އޭގެ ތެރެއިން 11 މެންބަރުންނަކީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނެވެ. އެމްޑީޕީގެ ހުންނެވީ އެންމެ މެންބަރެކެވެ. އަމިއްލަ ހަ މެންބަރުން އެބަތިއްބެވެ.