ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތެއް އަނެއްކާ މިހާރު ރާއްޖޭގައި ފެށިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ހދ. ކުޅުދުއްފުށީގައި ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށެވެ.

"އެއީ މިނިވަން ކަމުގެ ފިކުރާއި، އަޅުވެތި ކަމުގެ ފިކުރު، ލާމަރުކަޒީ ފިކުރާއި މަރުކަޒުކޮށް ބާރުތައް އެއްތަން ކުރުމުގެ ފިކުރު، އެކުވެރިކުރުމާއި އެއްބައިވަން ކުރުމުގެ ފިކުރާއި ފިތުނަ ކުރުމާއި ނަފްރަތު ކުރުމާއި ގަޑުބަޑު ކުރުމުގެ ފިކުރު،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިނިވަން ކަމާއި ލާމަރުކަޒީ ފިކުރާއި އެކުވެރިކުރުމާއި އެއްބައިވަން ކުރުމުގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ ތެދުވެރިކަމާ އެކު މަސައްކަތްކޮށް ކާމިޔާބުގެ ހަރުފަތްތައް ހާސިލް ކުރުމުގެ ފިކުރު ކަމަށްވެސް ވިދާޅުވިއެވެ.

"ވާދަވެރި ފިކުރަކަށް މިއޮތީ މިއަދު މިއޮތް ސަރުކާރު ނިސްބަތްވާ ފިކުރު، ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފްރަތު އުފެއްދުމާއި، އަޅުވެތި ކުރުމާއި، ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެ ގަތުގެ ފިކުރާއި އަނިޔާވެރި ކަމުގެ ފިކުރު،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިއަދު ކަން ދިމާވިގޮތުން ރާއްޖޭގެ ވެރިކަމަށް އައިސްފައި އޮތީ އަނިޔާވެރިކަމާއި އޮޅުވާލުމާއި މަކަރާއި ނަފްރަތާއި ކަންކަން ނެތިކޮށްލުމުގެ ފިކުރު ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މުޅިރާއްޖެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅައިލެއްވި، ނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސް ފައްޓަވައިދެއްވި ދަތުރު ފަތުރުކުރުމުގެ ނިޒާމުގައި ލޯންޗު ލަފަންޖެހޭ ގަޑިއަށް، އަދި ފެރީ ލަފަންޖެހޭ ގަޑިއަށް ނުލަފާ ކަމަށެވެ.

"މަތިންދާ ބޯޓު ދަތުރުކުރަން ފަށާފައިވާ މަންޒިލްތަކުން މިހާރު ދަތުރުކުރުން މަދުރަން ފަށައިފި. ލާމު އަތޮޅަށް ހުރި ދަތުރުތައް މަދުވެއްޖެ. ހުވަދު އަތޮޅަށް ހުރި ދަތުރުތައް މަދުވެއްޖެ. ފޯއްމުލަކަށް ހުރި ދަތުރުތައް މަދުވެއްޖެ. ވިސްނުން މިދަނީ އެންމެ ދިމާލަކަށް ރަށު ބަންދުގައި ރައްޔިތުން ބޭތިއްބުމަށް. އެ ރަށްރަށުގައި ފަށާފައިވާ ފަރުވެރިކަމުގެ ސިނާއަތު ހަލާކު ކޮށްލުމަށް. ގެސްޓް ހައުސްގެ ސިނާއަތު ހަލާކު ކޮށްލުމަށް. ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެގޮތަށް އެމްޑީޕީން ގެންގުޅުނު ފިކުރު ހަލާކު ކޮށްލުމަށް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ވިސްނާލާ އިރު، ރައީސް ސޯލިހުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުޑަރަށެއް ބޮޑުރަށެއް ބެއްލުމެއްނެތި އަސާސީ ހިދުމަތްތައް ދިނުމަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް ފެށި ކަމަށެވެ. ނަމަވެސް އޭރު ނިމުނު ރަށްތަކުގެ މަސައްކަތް ނިމިފައިވީ ނަމަވެސް، ނުނިމި ހުރި ހުރިހާ ތަނެއްގެ މަސައްކަތް ވަނީ ހުއްޓީފައި ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު އެބޭފުޅުން ވިދާޅުވާ ވާހަކައަކީ ކުދި ރަށްރަށުގައި ކޮންމެހެން ފެނާއި ނަރުދަމާގެ ނިޒާމް ބޭނުމެއްނެތޭ، އަންނާށޭ މާލެ ކައިރިއަށް، ކުދި ރަށްރަށުގައި އޫޅޭ މީހުންގެ ސައިޒަކީ ދިހަ ފޫޓު ހަ ފޫޓުގެ ކޮތަރު ކޮއްޓެއްގެ ސައިޒޭ، މީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން މިއީ ސަރުކާރުގައި ތިބޭ ބޭފުޅުން ތަކުރާރުކޮށް މިހާރު ވިދާޅުވަމުން ގެންދަވާ ވާހަކައެއް،" ޝާހިދު ވިދާޅުވިއެވެ.

މިނިވަން ކަމުގެ ފިކުރުގެ ތެރެއިން އެމްޑީޕީގެ ސަރުކާރުން ހިލޭ ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އާސަންދައިގެ ހިދުމަތުގެ ގޮތުގައި ގެނެސްދީފައިވާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން ރައްޔިތުންގެ އަރިހުގައި މި އަނިޔާވެރި ފިކުރަށް ޖާގަ ލިބިއްޖެނަމަ އާސަންދައިން ހިލޭ ބޭސްފަރުވާކުރުން ބަދަލުވެގެންދާނެއޭ ސަލާން ޖެހުމަށް، ބޭސް ސިޓީއަށް ސަލާޖެހުމުގެ ސަގާފަތް އަނެއްކާ ފެށިގެން ރާއްޖޭގައި މިދަނީ، އެބޭފުޅުން ވިދާޅުވި އިންޑިޔާއަކުން ނޫނޭ ދެން ތިމަންނަމެން އާސަންދައިގެ ހިދުމަތްދޭނީ، ދުބާއީއަށް، ބެންކޮކުންނޭ، ތެދުފުޅެއް އިންޑިއާގެ ވަރަށްގިނަ ހޮސްޕިޓަލްތަކުގެ އާސަންގެ ހިދުމަތް މިހާރު ކަނޑާލައިފި، ދުބާއީއަށް ބެންކޮކަށް އާސަންދައިން ފުރައިގެންދާ މީހެއްގެ ހަބަރު މަދުން ނޫނީ ނީވޭ،" ޝާހިދު ވިދާޅުވިއެވެ.