ލިވަޕޫލްގެ ކެމަރޫން ޑިފެންޑަރު ޖޮއެލް މަޓިޕް، ފުޓުބޯޅަ ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

އުމުރުން 33 އަހަރުގައި މަޓިޕް ރިޓަޔާކުރިކަން އިއުލާނު ކުރީ މިއަދުއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން މަޓިޕް ރިޓަޔާ ކުރީ މިދިޔަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމަށްފަހުއެވެ. މަޓިޕް މިވަގުތު ވެސް ހުރީ ކަކުލުގެ އޭސީއެލް އަނިޔާއެއްގައެވެ.

މަޓިޕް، 2016 ވަނަ އަހަރު ލިވަޕޫލާ ގުޅިފައި ވަނީ ޖަރުމަނުގެ ޝާލްކޭއިންނެވެ. އޭގެފަހުން މިދިޔަ ސީޒަނާ ހަމައަށް އޭނާ ވަނީ އެ ކްލަބަށް 201 މެޗު ކުޅެދީފައެވެ. އެ ދުވަސްތަކުގައި މަޓިޕް ވަނީ ލިވަޕޫލާ އެކު ފަސް ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެސް ހިމެނެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި މަޓިޕް ކުޅެފައިވާ އިރު، އެފަހަރު ފައިނަލުގައި ޓޮޓެންހަމް ކޮޅަށް ޑިވޯކް އޮރިގީ ޖެހި ގޯލަށް މަޓިޕް ވަނީ އެސިސްޓް ވެސް ކޮށްދީފައެވެ.

މަޓިޕް ވަނީ ކެމަރޫން ގައުމީ ޓީމަށްވެސް 27 މެޗު ކުޅެފައެވެ.