(4 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

އިންސާނާ އުފެއްދެވުމުގެ އެކިއެކި މަރްޙަލާތައް ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކުގައި އެކި މުނާސަބާތަކުގައި ވަނީ ބަޔާންކޮށްދެއްވައިފައެވެ. އޭގެ ޒަރީޢާއިން ވަނީ އަރަހުށި މާތް اللّــــه ގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި ކަށަކުޅަދުންވަންތަކަމުގެ މައްޗަށް ދަލީލުތައް ދައްކަވައިފައެވެ. މި މޭރުމުން ވަޙީކުރައްވައިފައިވާ އެއް އާޔަތެއްގެ މާނައިގައިވެއެވެ.

"ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ اللّــــه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (الــــرّوم: 54)

غــافـــــر ސޫރަތުގައިވަނީ މި މައުޟޫޢު އިތުރަށް ތަފްސީލުކޮށްދެއްވައިފައެވެ. ވަޙީކުރައްވައިފައިވެއެވެ.

"އެކަލާނގެއީ ތިޔަބައިމީހުން ވެލީން ހެއްދެވި ރަސްކަލާނގެއެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން އެކަލާނގެ ތިޔަބައިމީހުން ޅަކުދީންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅީންނަށް ވުމަށްޓަކައެވެ. އަދި އޭގެކުރީން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އަދި ތިޔަބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ." (غــافـــــر: 67)

މި މާތް އާޔަތުގައިވަނީ އިންސާނާ މައިމީހާގެ ބަނޑުން ދުނިޔެއަށް ފޮނުއްވުމުގެ ކުރީގެ މަރްޙަލާއާއި އޭގެފަހުގެ މަރްޙަލާއާއި ދެ މަރްޙަލާގެ ވާހަކަ ބަޔާންކުރައްވައިފައެވެ. މާބަނޑުން ދުނިޔެއަށް ފާޅުކުރެއްވުމުގެ ކުރީގެ ތިން މަރްޙަލާއެއްގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ. تـــــراب (މަށި/ވެލި) ގެ މަރްޙަލާއެވެ. نـطـفـــة އާއި عـلـقــة ގެ މަރްޙަލާއެވެ. تـــــراب (ވެލި/މަށި) ގެ ވާހަކައިން އިޝާރަތްކުރައްވަނީ އެންމެފުރަތަމަ އިންސާނާ (آدم عــلــيـــه الـسّــلام) ގެ އުފެއްދެވުމަށެވެ. އޭގެފަހުން ބަޔާންކުރައްވާ ދެ މަރްޙަލާގެ އިތުރަށް ތިންވަނަ މަރްޙަލާއެއްގެ ވާހަކަ ســـــورة الحـــجّ ގެ ފަސްވަނަ އާޔަތާއި المـــؤمــنـــــون ސޫރަތުގެ ސާދަވަނަ އާޔަތުގައިވަނީ ބަޔާންކުރައްވައިފައެވެ. އެއީ مضـغـــة ގެ މަރްޙަލާއެވެ.

މަތީގައި ބަޔާންކޮށްފައިވާ ދެ އާޔަތުގައި އިންސާނާ ދުނިޔެއަށް އައުމަށްފަހު ހޭދަކުރާ ތިން މަރްޙަލާއެއްގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ. އެއީ ޅަފަތާއި ޒުވާން ޢުމުރާއި މުސްކުޅި ޢުމުރެވެ. އެ މަރްޙަލާތަކުގެ ޙާލަތު ބަޔާންކުރައްވައިފައިވާ ގޮތުގައި ޅަފަތުގެ މަރްޙަލާއަކީ ބަލިކަށިކަމުގެ މަރްޙަލާއެކެވެ. ޒުވާން ޢުމުރުގައި ހަކަތައާއި ބާރު ލިބެއެވެ. މުސްކުޅި ޢުމުރުގައި އަނެއްކާވެސް އޭނާ ރުޖޫޢަވަނީ ބަލިކަމަށާއި ހަކަތަ ދެރަކަމަށެވެ. އެގޮތުން އޭނާ އެހެންމީހުންގެ އެހީތެރިކަމަށް މުހުތާދުވެއެވެ. އަނެކުންގެ އަޅައިލުމަށް ބޭނުންވެއެވެ. ޅަފަތުގެ ޢުމުރެކޭ އެއްފަދައިންނެވެ. މުސްކުޅި ޢުމުރުގައި އޭނާ އިތުރަށް ނިކަމެތިވެއެވެ. އޭނާގެ ބުއްދިވެސް އުނިވެއެވެ. ވިސްނައި ފިކުރު ހިންގުމުގެ ބާރު ދެރަވެއެވެ. އެ ޢުމުރަށް އެޅުމުން އޭނާ އިތުރު އެހީތެރިކަމަށް ބޭނުންވެއެވެ. މާތްވެގެންވާ ކީރިތި ޤުރްއާނުގައި އެ ޢުމުރު ތަޢުބީރު ކުރައްވައިފައިވަނީ اَرْذَلِ الْــعُـــمْــــــرُ (އެންމެ ނިކަމެތި ޢުމުރު) ގެ ނަމުންނެވެ. ވަޙީކުރައްވައިފައިވެއެވެ.

"اللّــــه، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި ޢުމުރަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، اللّــــه އީ މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (الـنّـحـــل: 70)

އަރަހުށި މާތް اللّــــه އިންސާނީ ޙަޔާތުގެ ތަފާތު މަރްޙަލާތަކުގެ ތަފްޞީލު ބަޔާންކުރެއްވީ ޢުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށްހިތުމާއި ރަނގަޅުގޮތުގައި އެބައިމީހުނާ މުޢާމަލާކުރުމުގެ އިޙްސާސް ހޭލެއްވުމަށްޓަކައެވެ. އެބައިމީހުން ރަނގަޅަށް ބަލަހައްޓައި އެބައިމީހުންނަށް ބޭނުންހިފޭ ބަޔަކަށްވެ އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމުގެ ޝައުޤު އުފެއްދެވުމަށްޓަކައެވެ. ޚުދު ތިމާއަކީވެސް އެ ޢުމުރަށް ވާޞިލުވެ އެހެންމީހުންގެ ފަރާތުން އެފަދަ އެހީތެރިކަމަށް ބޭނުންވުމުގެ އެކަށޭނަކަންއޮތް މީހެއްކަން ހަނދާންކޮށްދެއްވުމަށްޓަކެއެވެ.

ޢާންމުގޮތެއްގައި މީހަކު މުސްކުޅި ޢުމުރަށްދާއިރު އެމީހަކު ހުންނާނީ ބޮޑު ޢާއިލާއެއްގެ ތެރޭގައެވެ. އޭނާގެ ދަރީންނާއި ކާފަމާފަދަރީން މުނިދަރީން ތިބޭނީ ބޮޑެތިވެފައެވެ. ކާވެނީގެ ޒަރީޢާއިން އެކުދީން ތިބޭނީ އެހެނިހެން ޢާއިލާތަކާ ގުޅިފައެވެ. އެހެނިހެން ޢާއިލާތަކުގެ ކުދީން ދަނބިދަރީންނާއި ޅީދަރީންގެ ގޮތުގައި އެ ޢާއިލާއަށް އައިސްފައެވެ. އެކުދީންނަށްވެސް ކުދީންލިބި ކާފަމާފަދަރީންނާއި މުނިދަރީންގެ ގޮތުގައި ގޭތެރޭގައި ޙަރަކާތްތެރިވާ ތުއްތުކުދީން ތިބޭނެއެވެ. ކީރިތި ޤުރްއާނުގައި އެކަން ސިފަކުރައްވައިފައިވަނީ އަރަހުށި މާތް اللّــــه ދެއްވާ ނިޢުމަތެއްގެ ގޮތުގައެވެ.

"އަދި اللّــــه، ތިޔަބައިމީހުންގެތެރެއިން، ތިޔަބައިމީހުންނަށްޓަކައި އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން ދަރީންނާއި ދަރީންގެދަރީން ދެއްވައި އަދި ރަނގަޅު ޙަލާލުތަކެތީން ތިޔަބައިމީހުންނަށް ރިޒުޤު ދެއްވިއެވެ." (الـنّـحـــل: 72)

އަދިވެސް މިމޭރުމުން ވަޙީކުރެއްވިއެވެ.

"އަދި އެކަލާނގެއީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ އެ އިންސާނާއަށްޓަކައި ނަސަބާއި އެބޭބޭކަމުގެ ގުޅުން (ދެ ސިލްސިލާ) ލެއްވިއެވެ. އަދި ކުޅަދުންވަންތަ ކަލަކުކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވެއެވެ." (الــفــــرقــان: 54)

އާދެ، މާތް اللّــــه އިންސާނުންނަށްޓަކައި މައިދަރިކަމާއި ދަނބިދަރި ޅީދަރިކަމާއި ޅިޔަންފަހަރިކަމުގެ ގުޅުންލެއްވިއެވެ. މިއީ ކޮންމެ އިންސާނަކުވެސް އަޅައިލައި ޙުރުމަތްތެރިކޮށް ހިތާން އިސްލާމްދީން ލާޒިމުކޮށްފައިވާ ޢާއިލީ ގުޅުންތަކެވެ. އެގުޅުންތައް އަދާކުރިގޮތާމެދު މާތް اللّــــه ގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ގުޅުންތަކެވެ. ޢާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންގެ މެދުގައި ގާތްކަމާއި ކުލުނާއި އެކުލުންތެރިކަން އޮތުމަކީ މާދަމާ ޤިޔާމަތްދުވަހުގެ ކުރީން މިއަދު މިދުނިޔޭގައިވެސް އިންސާނާއަށް އުފާފާގަތިކަމާއި ހިތްފަހިކަން ލިބޭކަމެކެވެ. ޒަމާނުގެ އާފާތްތަކާއި މުސީބަތްތަކުން ސަލާމަތްވެވި އެކަންކަން ހަނދާން ނައްތައިލެވޭނެ ކަމެކެވެ. ލޮލަށް ފިނިކަން ލިބޭނެކަމެކެވެ. އެހެންކަމުން އަރަހުށި މާތް اللّــــه ވަނީ އެކަމަށްއެދި ދުޢާކުރާން އީމާންކަމުގެ އަހުލުވެރީންނަށް އަމުރުކުރައްވައިފައެވެ.

"އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ!" (الــفــــرقــان: 74)

(ގާތްތިމާގެ މީހުންނަކީ އެބަޔެއްގެ ސަބަބުން އަޅުގަނޑުމެންނަށް ޙިމާޔަތާއި ރައްކައުތެރިކަން ލިބޭމީހުންނެވެ. މާތް اللّــــه ގެ ނަބިއްޔާ شعـيـب عــلــيـــه الـسّــلام އާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި މިމޭރުމުން ވަޙީކުރައްވައިފައިވެއެވެ.

"އަދި ހަމަކަށަވަރުން ތިމަންމެން ދެކެނީ، ކަލޭގެފާނަކީ ތިމަންމެންގެ ތެރޭގައިވާ ނިކަމެއްޗެއްކަމަށެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީސްކޮޅު ނުވާނަމަ، ތިމަންމެން ހަމަކަށަވަރުންވެސް ކަލޭގެފާނު ރަޖަމު ކުޅައީމުހެވެ." (هــــــود: 91)

ألإمــام عــلــــــى كـــــرّ اللّــــه وجـهـــه މިމޭރުމުން އިރުޝާދު ދެއްވައިފައިވެއެވެ.

"ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތާށެވެ. ތިބާއަށް ހުރިހައި ކުރިއެރުމެއްލިބި ދަރަޖަމަތިވެރިވެ އެހެންމީހުންގެ މައްޗަށް ގަދަކަންލިބެނީ އެމީހުންގެ ސަބަބުންނެވެ. އެމީހުންނަކީ ތިބާ އުދުހޭ ތިބާގެ ދެފިޔަފަދަ މީހުންނެވެ." (ރަން ބަސްފުޅުތައް – ޢަބްދު اللّــــه ފާރޫޤު ޙަސަން)

އިސްލާމްދީންވަނީ ނަސަބުގެ ގުޅުމުންނާއި އެބޭބެ އެދައިތަކަމުގެ ގުޅުމުގެ ސަބަބުން އުފެދޭ ގާތްތިމާގެކަމުގެ ގުޅުމަށް ޚާއްޞަ އަހަންމިއްޔަތެއް ދީފައެވެ. ޢާންމުގޮތެއްގައިވެސް އިސްލާމްދީނުގެ ނަޒަރުގައި އެންމެހައި އިންސާނުންނަކީ އަޚުން އުޚުތުންތަކެކެވެ. އީމާންކަމުގެ ގުޅުމުގެ ސަބަބުން ގާތްކަމާއި އެކުލުންތެރިކަން ވަކީން ބަދަހިވެއެވެ. އެހެންކަމުން ފަހަރެއްގައިވެސް އެކަކު އަނެކަކަށް ބޭނުމެއް ޖެހިއްޖެކަމުގައިވާނަމަ އެހީތެރިވެދިނުމުގައި ފަސްޖެހިގެން ނުވާނެއެވެ. ފަރުވާކުޑަކޮށްގެން ނުވާނެއެވެ. މާތް اللّــــه ގުޅުއްވައިދެއްވައިފައިވާ ތިމާގެކަމުގެ އެހެނިހެން ގުޅުމުން ގުޅިފައިވާ މީހުންގެ ޙައްޤުތަކަށްވުރެ ލޭގެ ގުޅުމުން ގުޅުއްވައިފައިވާ މީހުންގެ ޙައްޤުތައްހުރީ ވަކީން ކުރިޔަށެވެ. އެބައިމީހުންނަށް ހެޔޮކޮށްހިތުމާއި އެބައިމީހުންގެ އުފަލާއި ހިތާމައިގައި ބައިވެރިވެ އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަކީ ހުސްއެކަނި ރީތި އަޚްލާޤު ލާޒިމުކުރާ ކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ މާތް اللّــــه އަށްޓަކައި ކޮންމެހެންވެސް އަދާކުރާން ލާޒިމުކުރައްވައިފައިވާ ޒިންމާއެކެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"މުއުމިނުންނާއި މުހާޖިރުންގެ ތެރެއިންވާ މީހުނަށްވުރެ اللّــــه ގެ ފޮތުގައި ކަނޑައަޅުއްވައިފައިވާ ގޮތުގައި ގާތްތިމާގެމީހުން އޭގެ އެއްބަޔަކު އަނެއްބަޔަކާ (ގާތްކަން ބެހެއްޓުން) އައުލާކަން ބޮޑެވެ." (الأحـــــزاب: 6)

(ނުނިމޭ)