އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، އާ އިންވެސްޓުމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި މިއަދު ބޭއްވި އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކުރިއަރުވައި އިގުތިސާދީ ރިފޯމު އެޖެންޑާއަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަމިއްލަ ވިޔަފާރިތައް ބާރުވެރިކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ޓެކްނޮލޮޖީ އާއި އަމިއްލަ އީޖާދުތަކަށް ކުރިއެރުން ހޯދުމަށް ވެސް ސަރުކާރުން ހާއްސަ އިސްކަމެއް ދެން. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވެސް އިންފްރާސްޓްރަކްޗާއަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގުތިސާދީ ތަސައްވުރު ހާސިލުކުރުމަށް އިންޑިއާ އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރާއްޖޭގައި ފޮރިން އިންވެސްޓުމަންޓުތަކަށް ވެސް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ.

"ރާއްޖޭގައި ވިޔަފާރިތައް ކުރުމަށް ފަސޭހަތަކެއް ހޯދައިދިނުމަށް ވެސް މަސައްކަތްތަކެއް އެބަކުރެވޭ. ރާއްޖެ އާއި އިންޑިއާގެ ވިޔަފާރި ކޮމިއުނިޓީ އާއި ދެ ސަރުކާރުން އިގުތިސާދީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިތުރަށް ޓޫރިޒަމް ފުޅާކުރުމަކީ ވެސް އަމާޒެއް ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން ޓޫރިޒަމް އިންވެސްޓުމަންޓު ފުރުސަތުތައް އިތުރުވާނެ ކަމަށެވެ.