ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާއަށް އަނިޔާވެ މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ބްރެޒިލްގެ އެއް ނަމްބަރު ގޯލްކީޕަރު އެލިސަންއަށް އަނިޔާވެފައި ވަނީ ލިވަޕޫލުން ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ، 1-0 އިން މޮޅުވި މެޗުގައެވެ. އެމެޗުގައި އެލިސަންއަށް އަނިޔާވުމުން، މެޗުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ ބަދަލަކަށް ވިޓެސްލޭވް ޖަރޯސް ކުޅެން ނެރެފައެވެ.

އެލިސަންގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލު ދެމުން ލިވަޕޫލުން ބުނެފައި ވަނީ، އޭނާ އެނބުރި އަންނާނީ އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައި ކަމަށެވެ. އަންނަ މަހުގެ އިންޓަނޭޝަނަލް ބްރޭކަކީ ނޮމެމްބަރު 11 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ލިވަޕޫލުން ބުނީ އެންމެ އަވަސްވެގެންވެސް އެލިސަން އެނބުރި ކުޅުމަށް އަންނާނީ އެ އިންޓަނޭޝަނަލް ބްރޭކަށް ފަހުގައި ކަމަށެވެ.

އެލިސަންގެ އަނިޔާގެ ސަބަބުން ލިވަޕޫލަށް ލީގުގައި ޗެލްސީ، އާސެނަލް، ބްރައިޓަންގެ އިތުރުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ބަޔާން ލެވަކޫސަންއާއި އާރްބީ ލެއިޕްޒިގާ ދެކޮޅަށްވެސް ލިވަޕޫލުން ނުކުންނަން ޖެހޭނީ އެލިސަންއާ ނުލައެވެ.

ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ އެޓީމުގެ ދެވަނަ ކީޕަރަކީ ކައޮމިން ކެލެހާ ކަމަށެވެ. އެލިސަންއަށް އަނިޔާވި މެޗުގައި އެޓީމުން ޖަރޯސް ކުޅެން ނެރުނީ، ކެލެހާ ބަލިވެ އުޅޭތީއެވެ.