ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި ޕްރޮމޯޓްކުރުމުގެ ފަހު މަންޒިލެއްގެ ގޮތުގައި ބެންގަލޫރަށް ވަޑައިގެންފިއެވެ.

ރައީސް ބެންގަލޫރަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ބެންގަލޫރަށް ވަޑައިގެންނެވި އިރު، އެ ސިޓީގައި ބިޒްރަސް ފޯރަމެއް ބާއްވަން ވަނީ ނިންމައިފައެވެ. ބެންގަލޫރަކީ ގިނަ އަދަދެއްގެ ވިޔަފާރިވެރިން އުޅޭ ސިޓީއެކެވެ.

އެ ފޯރަމަކަށް ފަހު، އެތަނުގައި އުޅޭ ދިވެހިންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

ރައީސް ވަނީ އިއްޔެ މުމްބާއީއަށް ވަޑައިން ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރިވެސް ޕްރޮމޯޓްކުރައްވައިފައެވެ. ރައީސް އިއްޔެ ހަވީރު ވަނީ ބޮލީވުޑްގެ ތަރިންނާ އެކު ހާއްސަ އިވެންޓެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ ދަތުރުފުޅުގައިވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެސް ގާއިމްކޮށްފައެވެ. އަދި މުހިންމު އިތުރު ހަތަރު އެއްބަސްވުމެއް ވެސް ގާއިމްކުރިއެވެ.

ރައީސް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ދަރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.