މަންމައަށް ގެވެށި އަނިޔާކޮށް، މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމަށް އެދުމުން، ފައިސާ ނުދިނުމުން މަންމައާއި ދޮންބައްޕައަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަދެއްކި މައްސަލައެއްގައި ދަރިފުޅު ހަމަސް ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖަލަށް ލާފައިވަނީ މުހައްމަދު އާމިރު ނަަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މެޖިސްޓްރޭޓް ކޯޓަކުން އޭނާގެ މައްޗަށްކުރި ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމާ ގުޅިގެންނެވެ. މެޖިސްޓްރޭޓް ކޯޓުން ކުރި އެ އަމުރުގައި ވަނީ އާމިރު، އޭނާގެ މަންމައަށާއި ދޮންބައްޕައަށް ބަހުގެ ހަމަލާ ނުދިނުމަށާއި، އިންޒާރުދީ ބިރު ނުދެއްކުމަށާއި، ހަޑިހުތުރުބަހުން ވާހަކަ ނުދެއްކުމަށާއި، މަސްތުވާތަކެތި ބޭނުން ކުރުމަށް ފައިސާ ނުހޯދުމުގެ އިތުރުން މަންމައަށާއި ދޮންބައްޕައަށް ޖިސްމާނީ ގޮތުން އަނިޔާ ނުދިނުމަށެވެ. އަދި ވަނީ މުދަލަށް ގެއްލުން ނުދިނުމަށާއި މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ނުދިނުމަށާއި ނަފްސާނީ ގޮތުން އަނިޔާ ނުދިނުމަށް އަމުރުކޮށްފައެވެ.

ނަމަވެސް 15 އެޕްރީލް 2022 ގެ 19:45 އެހާކަންހާއިރު، މަންމަ އަތުން ފައިސާ ނުލިބުމުން އަމީރު ވަނީ ގޭގެ ކައްކާ ބައިގައި ހުރި މިކްސަރުގެ ޖަގުގެ ތަށިގަނޑު ހަލާކުކޮށް، އެތަނުގައި ހުރި ރޮށިލާ ތަށްޓެއްގެ މަތިގަނޑު ފަޅާލައި، ގޭގެ މުދަލަށް ގެއްލުންދީ، މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ރައްކާތެރިކަމުގެ އަމުރާ ހިލާފުވެފައެވެ. އެހެންވެ ރައްކާތެރިކަމުގެ އަމުރާ ހިލާފުވިކަމުގެ ދައުވާ އަމީރުގެ މައްޗަށްކުރާ ކަމަށް ދައުވާގައިވެއެވެ.

މެޖިސްޓްރޭޓު ކޯޓުން އަމީރުގެ މައްޗަށް އެ އަމުރުކޮށްފައިވަނީ 02 ފެބްރުއަރީ 2022 ގަ އެވެ.

ދައުލަތުން އަމީރުގެ މައްޗަށްކުރި ރައްކާތެރިވުމުގެ އަމުރާ ހިލާފުވި ކަމުގެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދި އެއީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިވެފައިވާ އިއުތިރާފެއް ކަމަށް އަމީރު ބުނެފައިވެއެވެ. ކުރިމިނަލް ކޯޓުން ވަނީ އަމީރުގެ އިއުތިރާފުގެ ސައްހަ ކަމަށް ކަނޑައަޅައި އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައެވެ.

އަދަބާ ބެހޭގޮތުން ވާހަކަދައްކަވަމުން ދައުލަތުން ވިދާޅުވެފައިވަނީ އަމީރުގެ މައްޗަށްކުރާ ރައްކާތެރިވުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ އަދަބަކީ ގިނަވެގެން ހަމަސް ދުވަހަށް ޖަލަށްލުމާއި 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ތަހުގީގު މަރުހަލާގައި އަމީރު ބަންދުގައިހުރި މުއްދަތު އަދަބުން އުނިކުރަންޖެހޭނެ ކަމަށެވެ.

އަމީރު ބުނެފައިވަނީ އަދަބާމެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި ބޭނުންވަނީ މައްސަލަ އަވަހަށް ނިންމައިދިނުމަށް ކަމަށެވެ.

އަދަބާ ބެހޭގޮތުން ދެފަރާތުން ވާހަކަދައްކައި ނިމުމުން، މައްސަލަ ބެއްލެވި ގާޒީ އާއިޝަތު ނުޒުހާ ވަނީ މައްސަލައިގައި އަމީރުގެ މައްޗަށް ކަނޑައެޅޭނެ އަދަބު ވިދާޅުވެދެއްވައިފައެވެ. ގާޒީ ވިދާޅުވީ ރައްކާތެރިކުރުމުގެ އަމުރުގެ އެންމެ އަސާސީ އެއް މަގުސަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެ ކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފުސާނީ ރައްކާތެރިކަމުގެ އިތުރުން ސިއްހަތުގެ ދުޅަހެޔޮކަމާއި ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނުން ކަމަށެވެ.

"މި މައްސަލައާއެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ބެލުމުން މުހައްމަދު އަމީރުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ މީނާގެ މަންމައާއި ދޮންބައްޕައަށް ލިބިފައިވާކަން އެނގެއެވެ. އެކިދުވަސްމަތިން ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުވުމުގެ ސަބަބުން މުޅި އާއިލާ ބިރުވެރިކަމެއް ތެރޭގައި އުޅެންޖެހިފައިވާކަން އެނގެއެވެ. މަސްތުވާތަކެތި ގަތުމަށް ލާރި ހޯދުމަށް ބިރު ދައްކައި އުޅެނީ މީނާގެ މަންމައަށްކަން ވެސް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެއެވެ. ދަރިއަކު މަންމައަށް އެއްވެސް ލޯތްބެއް އިހުތިރާމެއް ނެތި، އަމިއްލައަތުން މަސައްކަތްކޮށްގެން ފައިސާ ހޯދުމުގެ ބަދަލުގައި، މަސްތުވާތަކެތި ހޯދުމަށް މަންމައަށް ބިރުދައްކައި ފައިސާ ހޯދުމަކީ، މައިންބަފައިން މުސްކުޅިވި ދުވަހު އަޅައިލައި ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންތިބި ދަރިންގެ ފަރާތުން ކޮށްގެންވާނެ ކަމެއް ނޫނެވެ. މިއީ އެކަމުގެ ސަބަބުން މައިންބަފައިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް އަނިޔާތަކެއް ލިބި މިކަމުގެ ނޭދެވޭ އަސަރު ތަހައްމަލު ކުރަންޖެހޭފަދަ ކަންކަމެވެ" ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ކޯޓުތަކުން ކުރާ ހުކުމްތަކަކީ ހުރިހާ އެންމެން އަމަލުކުރުން ލާޒިމު ނިންމުންތަކެއް ކަމަށެވެ. ކޯޓުތަކުން ނެރޭ އަމުރުތަކަށް ތަބާނުވުމަކީ ބޮޑު ކަމެއްކަމުގައި ނުބަލައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަށް ހަމައެކަނި ޖޫރިމަނާކޮށް، ކަނޑައެޅި ފައިސާ ދައުލަތަށް ދެއްކުމަށްފަހު ސަލާމަތްވެގެން ދިއުމަކީ މުޖުތަމައަށްދެވޭ އެންމެ ރަނގަޅު މެސެޖެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންކަމަށް ރިއާޔަތްކޮށް އަދި އަމީރުކުރި ކުށަށް ރިއާޔަތްކުރާއިރު އަމީރުގެ މައްޗަށް ކަނޑައެޅުމަށް ޝަރީއަތަށް ބުރަވެވޭ އަދަބަކީ ހަމަސް ދުވަހުގެ މުއްދަތައް ޖަލަށްލުން ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގަށް އަމީރު ވަނީ ހަތް ދުވަހާއި 14 ގަޑިއިރާއި 38 މިނިޓް ބަންދުގައި ހޭދަކޮށްފައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. ނަމަވެސް އަމީރުގެ މަސްލަހަތުގައި މިއީ ޖުމްލަ 8 ދުވަސް ކަމަށް ބަލައި، އެ މުއްދަތުގެ މީނާގެ މައްޗަށް ކަނޑައެޅޭ ހަމަސް ދުވަހުގެ ޖަލު ހުކުމުން އުނިކުރެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުން މުހައްމަދު އަމީރު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން "ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު"ގެ ދަށުން އަމީރު ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ. މައްސަލައިގެ ތަހުގީގަށް އަމީރު ބަންދުގައި 8 ދުވަސް ހޭދަކޮށްފައިވާތީ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ ފަސް މަހާއި 22 ދުވަސް ކަމަށް ވެސް ހުކުމުގައި ގާޒީ ވިދާޅުވިއެވެ.