ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ހައްޔަރުކުރޯ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބެއިތިއްބުމަށްފަހު އެމްބަސީތައް ކައިރިއަށް އެއްނުވާން ޝަރުތުކޮށް ދޫކޮށްލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން، ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށްބުނެ، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލައިގައި ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެފައިވީ ނަމަވެސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން ސާފުނުވާ ކަމަށެވެ.

ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

އެހެންކަމުން ޝާދިޔާ ބަންދުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކަމަށް، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނިވަޑައިގަންނަވާ ބެންޗުގެ އިއްތިފާގުން ހުކުމް ކުރެއްވިއެވެ. މި މައްސަލަ ހައިކޯޓުން ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ އެވެ.