އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތައް މައާފުކޮށްދޭން ދިވެހި ސަރުކާރުން އެދެން ޖެހޭ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންޑިއާ ދަތުރުފުޅުގެ ތެރެއިން މުހިންމު އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅާ ގުޅުވައިގެން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިގުތިސާދީ ދަތީގައި އުޅޭ އިރު، އިންޑިއާ އިން އެހީތެރިވާ ކަމަށާއި އެގޮތުން ސްރީލަންކާއަށް ވެސް ހަތަރު ބިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށެވެ.
"ސަރުކާރުން އެބަ އެދެން ޖެހޭ މައާފުކޮށްދޭށޭ، ތިމަންނަމެންނަށް އުފުލޭ ޒިންމާއެއް ނޫނޭ މިއީ، މިއީ ކުރީގެ ސަރުކާރުން ނަގާފައި ހުރި ކަންކަމޭ، ތިމަންނަމެންނަށް ހަވާލުވާން އުނދަގުލޭ. އަޅުގަނޑުމެންގެ ކަމަކީ އެ ވާހަކަ ހުށަހެޅުން. ހުށަހަޅައިގެން ނެގޯޝިއޭޓް ކުރުން. އެކަމަކު ހުށަނާޅާ ކަމަށްވަންޏާ މިއީ އަޅުގަނޑުމެންނަށް ދަތިވާ ކަމެއް ކަމަށް އިންޑިއާއަށް ދެނެގަންނާނެ ގޮތެއް ނެތް. އިންޑިއާގައި އެބަހުރި އެ ކެޕޭސިޓީ، އެކަން ކޮށްދިނުމުގެ ކެޕޭސިޓީ އެބަހުރި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީއެންސީން ދިވެހީންގެ ރާއްޖެއެއް ހޯދަން 15 އަހަރުގެ ވެރިކަމެއް ބޭނުންވާ ކަމަށްބުނެ ވާހަކަދައްކަމުންދާ ކަމަށާއި އެ 15 އަހަރުގެ ފަހުން ވިޔަސް، ލޯނުތައް ދެއްކުން ފަސްކޮށްދޭން ވެސް ވާހަކަދައްކާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ތިބި އިންޑިއާ ސިފައިންނާ ގުޅޭގޮތުން ވެސް ވާހަކަދައްކާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަނެއްކާވެސް ޔޫޓީއެފްގެ ވާހަކަ، އެގްރިމެންޓުގައި އެބައޮތް. ޔޫޓީއެފް، ޔޫޓީއެފް އެއްގެ ގޮތަށް ހިނގާ ކަމަށްވަންޏާ އަނެއްކާވެސް އިތުރު އިންޑިއާ ސިފައިން އަންނަން އެ ލިބެނީ، ރަސްމީކޮށް އެ ދައުވަތު ދެވެނީ. އެހެންވީމާ އިންޑިއާ ސިފައިން މިތަނުން ބޭލުމާއި، މިތަނުގައި އިންޑިއާ ސިފައިންގެ ސްޓޭޓަސްއާ އެއާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށްޓަކައި އިންޑިއާއަށް ކޮށްދެވެން އޮތް ކަންކަން ބެލުމަށް އެޖެންޑާކޮށްފައި ނުވާ ކަމަށާއި މޮރިޝަސް އަކީ އިންޑިއާގެ ނަސްލުގެ މީހުން އުޅޭ ތަނަކަށްވުމުން އެކަމުގައި ވެސް އިންޑިއާއަށް ކޮށްދެވޭނެ ކަންކަން މަދުނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު