އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މަތީގައި، ދެ ގައުމުގެ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން އެކުގައި ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދަނޑިވަޅުގައި އިންޑިއާއިން އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނަ ކަމަށެވެ. އެގޮތުން އިންޑިއާއާއެކު ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް، ފުދުންތެރި އަދި ވިލުންވެރި ރާއްޖެއެއް ގާއިމުވެފައި އޮތުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށެެވެ.

"ދެ ގައުމުގެ އިތުރުން ސަރަހައްދީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރި އެއްބަސްވުން އެކުލަވާލުމުން ދެ ގައުމުގެ ފުރިހަމަ އިގުތިސޯދީ ގާބިލުކަން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެ އެ އެއްބަސްވުން އެކުލަވާލެވޭނެ ދުވަހަށް އިންތިޒާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ ބަޔާން ނިންމަވައިލައްވަމުން ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގާއިމުކުރިތާ 60 އަހަރު ފާހަގަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފައެވެ.