ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށް އެޕްރީލް މަހާއި އޮކްޓޫބަރު މަހުގައި ދައްކަން ޖެހޭ ފައިސާ ދައްކައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. ސުކޫކަށް ފައިސާ ދެއްކުމުން އިންވެސްޓަރުންނާއި ރާއްޖެއަށް ލޯނު ދޫކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފަރާތްތަކައް ދައްކަން ޖެހޭ ދަރަނި ރާއްޖެއިން ދައްކާނެ ކަމުގެ ޔަގީންކަން ލިބިފައި ކަމަށް ފިނޭންސުން ބުންޏެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު މަޝްހޫރު ވިޔަފާރި ނޫސް، ބްލޫމްބާގުން ވަނީ ރާއްޖެއިން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ޑީފޯލްޓްވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުން ގޮސްފައިވަނީ 80 ސެންޓު ރޭޓުގައެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ ސްކޫކު ޓްރޭޑް ކުރަމުންދަނީ 66 ސެންޓު ގައެވެ. ބްލޫމްބާގުން ރިޕޯޓުކުރި ގޮތުގައި އޮގަސްޓް/ސެޕްޓެމްބަރު މަހު އެންމެ ދަށްކޮށް ޓްރޭޑު ކުރަމުންދާ ސުކޫކަކީ ރާއްޖޭގެ ސުކޫކެވެ.

ރާއްޖޭގެ ސުކޫކަށް އިންވެސްޓު ކުރި ފަރާތްތަކުން ސުކޫކް ވިއްކަން ފަށާފައިވަނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ ސަބަބުން ކަމަށް ބްލޫމްބާގުން ރިޕޯޓުކުރިއެވެ. ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުގެ ބިރު ބޮޑުވެފައިވާ ކަމަށްވެސް ބްލޫމްބާގުން ބުންޏެވެ.

ބްލޫމްބާގުން އެގޮތަށް ރިޕޯޓްކުރި ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ ސުކޫކް ޑިޕޯލްޓް ނުވާނެ ކަމަށާއި ސުކޫކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެފަހުން އިންޑިއާގެ ސަރުކާރުން ވަނީ އެގައުމުގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ކުރިން ހަމަޖައްސަން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެކަމުގެ ސަބަބުން ސުކޫކަށް ފައިސާ ދައްކަން ރާއްޖެއަށް ފަސޭހަވެގެންދާނެ ކަމަށް އިންޑިއާގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.