އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި ރާއްޖެއަށް އެންމެ މުހިންމީ އިންޑިއާއާއެކު އޮތް ގުޅުން ވަރުގަދަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންޑިއާއާއެކު ވަރުގަދަ ގުޅުމެއް ބާއްވައި، ސަރަހައްދީ ހަމަޖެހުން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށެވެ.
"އެހެން ގައުމުތަކާއެކު އަޅުގަނޑުމެން ބާއްވާ ގުޅުންތަކުން އިންޑިއާގެ ސަލާމަތަށް ބުރޫނާރާނެކަމުގެ ޔަގީންކަން އެބައޮތް. އިންޑިއާއާއެކު ގުޅުން އިތުރަށް ވަރުގަދަކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮތް ކަންބޮޑުވުންތައް މިހާރު ދެނެގަނެވިފައިވާ ކަމަށާއި ދެ ގައުމުން ދިފާއީ އެއްބާރުލުން ދިނުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ތަރައްގީއަށް މަސައްކަތްކުރާނީ ދެ ގައުމުގެ ހިއްސާ އެކުލެވޭ ތަސައްވުރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދުނިޔޭގެ ގޮންޖެހުންތަކެއް ހުރި މި ދުވަސްވަރު، ސަރަހައްދީ ހަނގުރާމަތަކުގެ ސަބަބުން ހުރިހާ ގައުމެއްގެ ސަލާމަތަށް ނުރައްކާ އޮންނާނެ. އެހެންކަމުން މި އެއްބާރުލުންތައް ކުރިއެރުވުމަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައްޔިތުން އެދުނު ކަމެއް ކަމަށާއި އެމަނިކުފާނު ކުރިން ވެސް ދެންނެވި ގޮތަށް ގެންގުޅުއްވާނީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންނަށް އަބަދުވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާއަށް ރައީސް މިއަދު ފެއްޓެވި އެ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އެ ދަތުރުފުޅުގައި ރައީސް، އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު