ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓް ކޯސް (25މީޓަރު) އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕް 2024 ގައި ވާދަކޮށް ރާއްޖޭގެ އަމްނާ ތަޒްކިޔާ މިރްޝާދާއި އިޒްޔާން ނާޒިމް، މިރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމް ގިނަ ރެކޯޑުތަކެއް ހަދައިފިއެވެ.

ތަޒްކިޔާ ރެކޯޑުތަައް ހެދީ އަންހެން ޝޯޓްކޯސް، ފްރީސްޓައިލް 100، 200 ގެ އިތުރުން 50 މީޓަރު އިވެންޓާއި އިންޑިވިޖުއަލް މެޑްލީ އިވެންޓް 200 މީޓަރު އިވެންޓުންނެވެ. ތަޒްކިޔާ 100 ފްރީސްޓައިލް އިވެންޓްގެ ރެކޯޑު ހެދީ އެއް މިނެޓާއި 3.68 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން އާމިނަތު ޝަޖަން އަތުގައި އޮތް ރެކޯޑެކެވެ. އެއީީ، 2014 ވަނަ އަހަރު ބޭއްވުނު ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައި އެއް މިނެޓް، 06.01 ސިކުންތުން ރޭސް ފުރިހަމަކޮށްގެން ސަޖަން ހަދާފައިވާ ރެކޯޑެކެވެ. އަދި 200 މީޓަރު އިވެންޓް ރެކޯޑު ތަޒްކިޔާ ހެދީ ދެ މިނެޓް، 20.65 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީވެސް 2014 ވަނަ އަހަރު ސަޖަން ހަދާފައިވާ ރެކޯޑެކެވެ. އެފަހަރު ސަޖަން ރޭސް ނިންމާފައި އޮތީ ދެ މިނެޓް، 28.41 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ތަޒްކިޔާ 50 މީޓަރު ފްރީސްޓައިލް އިވެންޓް ތަޒްކިޔާ ނިންމީ 28،55 ސިކުންތުންނެވެ. އެ ރެކޯޑަކީ ކުރިން މިއަހަރު މެދުތެރޭގައި ބޭއްވުނު ޔޫބްލިއުއޭ ވެސްޓްކޯސްޓް ކްލަބް ނައިޓް ނަންބަރު ހަތެއްގައި ވާދަކޮށް، 28.75 ސިކުންތުން ރޭސް ނިންމައިގެން އައިޝަތު އުލްޔާ ޝާއިގް ހަދާފައިވާ ރެކޯޑެއެވެ. އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ރެކޯޑު ތަޒްކިޔާ ފުރިހަމަކުރީ ދެ މިނެޓް، 42.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން މިރާލް އަތުގައި އޮތް ރެކޯޑެކެވެ.

އިޒްޔާންވެސް ދެ ރެކޯޑު ހެދި އިރު، އޭނާ ރެކޯޑުތައް ހެދީ 100 މީޓަރާއި 200 މީޓަރު ފިރިހެން ބްރެސްޓްސްޓްރޯކް އިވެންޓްތަކުންނެވެ. 100 މީޓަރު އިވެންޓް އިޒްޔާން އެއް މިނެޓް، 12.85 ސިކުންތުން ނިންމާފައިވާ އިރު، 200 މީޓަރު އިވެންޓް ނިންމީ ދެ މިނެޓް، 37.35 ސިކުންތުންނެވެ. އެ ދެ ރެކޯޑަކީވެސް މީގެ ކުރިން ހަސަން އަޝްރަފް އަތުގައި އޮތް ދެ ރެކޯޑެކެވެ.

މެރަލްވެސް ތައިލެންޑް މުބާރާތުން ހަތަރު ރެކޯޑު ހަދާފައިވެއެވެ. އެއީ 100، 200، 50 މީޓަރުގެ އަންހެން ބަޓަފްލައި އިވެންޓް އަދި 100 މީޓަރު އަންހެން އިންޑިވިޖުއަލް މެޑްލޭ އިވެންޓުންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓް މެރަލް އެއް މިނެޓް، 11.52 ސިކުންތުން ނިންމި އިރު، އެއީ ކުރިންވެސް އޭނާ އަތުގައި އޮތް ރެކޯޑެކެވެ. މިރާލްގެ 200 މީޓަރު އިވެންޓްގެ ޓައިމިންއަކީ ދެ މިނެޓް، 54.06 ސިކުންތެވެ. އެއީވެސް ކުރިން އޭނާ އަތުގައި އޮތް ރެކޯޑެކެވެ. މެޑްލޭ އިވެންޓް މެރަލް ނިންމީ އެއް މިނެޓް، 14.07 ސިކުންތުންނެވެ. އެއީ ކުރިން ހަމްނާ އަހުމަދު، 2021 ވަނަ އަހަރު ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ހަދާފައިވާ ރެކޯޑެކެވެ. 50 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑު މީގެ ކުރިން މިއަހަރު ހަދާފައި އޮތީ އުލްޔާއެވެ. އުލްޔާ 31.76 ސިކުންތުން ރޭސް ނިންމައިގެން ހަދާފައި އޮތް ރެކޯޑު މިރާލް މުގުރާލީ 31.41 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން ތައިލެންޑް މުބާރާތުގައި ވާދަކޮށް، ފިރިހެން ޝޯޓްކޯސް 100، 50 މީޓަރު ބެކްސްޓްރޯކް އަދި ފިރިހެން ޝޯޓްކޯސް 100، 200، 50 މީޓަރުގެ ބަޓަފްލައި އިވެންޓްތަކުގެ ރެކޯޑާއި 200 މީޓަރު އަންހެން ފްރީސްޓައިލް އިވެންޓްގެ ރެކޯޑުވެސް މުގުރާލާފައިވެއެވެ.

ރިހާން 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ރެކޯޑު މުގުރާލީ އެއް މިނެޓް، 21.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑު ކުރިން އޮތީ އަލީ އިމްއާން އަތުގައެވެ. އޭނާ ރެކޯޑު ހަދާފައި ވަނީ 2021 ވަނަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައެވެ. ދެން ރިހާން މުގުރާލި 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ރެކޯޑު އޭނާ މުގުރާލީ 29.06 ސިިކުންތުން ރޭސް ނިންމައިގެންނެވެ. އެއީވެސް 2021 ވަނަ އަހަރުގެ ސްވިމިން ވޯލްޑް ކަޕްގައި އިމްއާން ހަދާފައި އޮތް ރެކޯޑެކެވެ. އިމްއާންގެ ޓައިމިންއަކީ 29.23 ސިކުންތެވެ.

ރިހާން ފިރިހެން ޝޯޓްކޯސް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯދު ހެދީ 59.69 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ރެކޯޑް އެންމެ ފަހުން އާކޮށްފައި އޮތީ 2016 ވަނަ އަހަރުގެ 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ނިޝްވާން އިބްރާހީމެވެ. ނިޝްވާންގެ ޓައިމިންއަކީ އެއް މިނެޓާއި 0.71 ސިކުންތެވެ. ރިހާން އަތުގައި ކުރިންވެސް އޮތް 200 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑު އޭނާ އާކުރީ ދެ މިނެޓް، 21.75 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިހާން 50 މީޓަރުގެ ޝޯޓްކޯސް، ބަޓަފްލައި އިވެންޓްގެ ރެކޯޑު މުގުރާލީ އެ އިވެންޓް 27.06 ސިކުންތުން ނިންމައިގެންނެވެ. އެއީވެސް ކުރިން 2014 ވަނަ އަހަރު ނިޝްވާން، ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށް ހަދާފައި އޮތް ރެކޯޑެކެވެ. ރިހާން 200 މީޓަރުގެ ރެކޯޑު ހެދީ ދެ މިނެޓް، 3.06 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން މުބާލް އައްޒާމް އިބްރާހީމް އަތުގައި އޮތް ރެކޯޑެކެވެ. މުބާލް ރެކޯޑު ހަދާފައި ވަނީ 2019 ވަނަ އަހަރު ބޭއްވި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ދެ މިނެޓް، 5.04 ސިކުންތުން ރޭސް ނިންމައިގެންނެވެ.