ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭ ގޮތަށް އޮތް މައްސަލަ ކޯޓުތަކަށް ބެލޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހެއްގައި ވަނީ އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ފަނޑިޔާރަކު ވަޒީފާއިން ވަކިކުރުމަށް ނިންމައިފިނަމަ، އެ ނިންމުމެއް ޖޭއެސްސީގެ އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހަށް ވެސް އަދި އެއްވެސް ކޯޓަކަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ރިވިއު ކުރުމަށް ޖޭއެސްސީގެ އިސްތިއުނާފީ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އެ އިސްލާހަކީ ގާނޫނާހިލާފު އިސްލާހެއް ކަމަށް ބުނެ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލީ ނަސީރު ވަނީ އެ މާއްދާ ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅައިފައެވެ.

އެ ދައުވާއަށް ޖަވާބުދާރީވަމުން ދައުލަތުން ވިދާޅުވީ ނަސީރަކީ، މިހާރު މެޖިސްޓްރޭޓެއްގެ މަގާމެއްގައި ހުރި މީހަކަށްވުމުން، މިއީ ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި ޖޭއެސްސީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން 2019 ވަނަ އަހަރުގެ ތެރޭގައި ގެނައި އިސްލާހުގެ މައްސަލަ ކޯޓުތަކުން ބެލުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން އަނެއްބާރުގެ މައްޗަށް އަރައިގަނެ ބަސްބުނުން ކަމަށެވެ.

ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެ މައްސަލައަށް ގޮތެއް ކަނޑައަޅުއްވައި ނިންމި ނިންމުމުގައި ވަނީ ދުސްތޫރި މައްސަލަތަކަކީ ގިނަ ރައްޔިތުންގެ މަސްލަހަތުތަކެއް އެކުލެވިފައިވާ މައްސަލަތަކެއް ކަމަށެވެ. ފަނޑިޔާރު ފަރްހީޒާ، ވިދާޅުވީ ދުސްތޫރީ އެފަދަ ކޮންމެ މައްސަލައެއްގައި އާންމު ރައްޔިތެއްގެ ހައިސިއްޔަތުން ފަނޑިޔާރުންގެ މަސްލަހަތު ހިމެނޭ ކަމަށެވެ.

އަދި މިއީ ފަނޑިޔާރުންގެ މަގާމާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި މިއީ ޖޭއެސްސީން ނިންމާ ނިންމުމެއްގެ މައްސަލަ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނިންމުގައި ފަނޑިޔާރު ވިދާޅުވީ މި މައްސަލައަކީ އަދުލުވެރިކަމާ އެކު އިދާރީ ފިޔަވަޅު އެޅުމުގެ ހައްގާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެފަދަ މައްސަލަތައް ބެލުމުގެ ބާރު ގާނޫނު އަސާސީން ކޯޓުތަކަށް ލިބިދީފައިވާ ކަމަށެވެ.

ކޯޓުތަކުން އެފަދަ މައްސަލަ ނުބެލޭނެ ކަމަށްވަންޏާ ހައްގު ހޯދުމަށްޓަކައި މައްސަލަ ހުށަހަޅާނެ އެހެން މުއައްސަސާއެއް ނެތި، ހައްގުތަކެއް ގެއްލިގެން ހިނގައިދިޔުމަށް މަގުފަހިވެދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފަރްހީޒާގެ އިތުރުން އިސް ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދުއެވެ.