ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުން މިމަހު 14 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްރުއްރަހީމް އަބުދުﷲ ވިދާޅުވި ކަމަށް، މަޖިލީހުގެ މެންބަރުންނަށް މަޖިލިސް އިދާރާއިން ފޮނުވި މެސެޖެއްގައި ވަނީ، މަޖިލިސް ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާތީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރުމުން ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށޭނީ މިމަހުގެ 14 ވާ ހޯމަ ދުވަހުގައި ކަމަށެވެ.
މީގެކުރިން މަޖިލިސް ޖަލްސާތައް ފަށަން މަޖިލީހުގެ ރައީށް ކަނޑައަޅުއްވާފައި އޮތީ މާދަމާއެވެ.
ދެވަނަ ދައުރުގެ މަސައްކަތްތަކަށްފަހު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. ނަމަވެސް ޗުއްޓީ ތެރޭގައި ދައުރުން ބޭރުން ތިންވަނަ ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
އެއީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދި 50 މެންބަރު ސޮއިކޮށް ހުށަހަޅައިގެންނެވެ. އެއީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށްޓަކައެވެ.
އެގޮތުން މިދިޔަ ސެޕްޓެމްބަރުމަހުގެ އެގާރަވަނަ ދުވަހާއި ސޯޅަވަން ދުވަހާއި ސަތާރަވަނަ ދުވަހު ބޭއްވި ޖަލްސާގައި، ޕްރޮސިކިއުޓަރުގެ މަގާމަށް އައްބާސް ޝަރީފު އައްޔަންކުރުމަށް ފާސްކުރިއެވެ. އަދި ކުންފުނީގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ވެސް ދައުރުން ބޭރުން ބޭއްވި ޖަލްސާތަކުގައި ފާސްކުރިއެވެ.
އެއަށްފަހު ސެޕްޓެމްބަރު 17 ވަނަ ދުވަހު ބޭއްވި ދައުރުން ބޭރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އޮކްޓޯބަރު ހަތެއްވާ ހޯމަ ދުވަހު މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފެށުމަށް ނިންމާފައިވާކަން ހުރިހާ މެންބަރުންގެ ސަމާލުކަމަށް ދަންނަވާ ކަމަށެވެ.
މިހާރު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު އަދި މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި، ހުށަހެޅި 23 ބިލުގެ ތެރެއިން 11 ބިލްގެ މަސައްކަތާ އެކު ޖުމްލަ 82.9 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ އޯގަސްޓް މަހުގެ 23 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު