ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިހަފުތާގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މެދުރާއްޖެ އާއި އުތުރަށް ވަރަށް ވައި ގަދަވާނެ ކަމަށެވެ. އަދި ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ ތޭރަ މޭލާއި 23 މެލާ ދެމެދުގެ ބާރުމިނުގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"ހާއްސަކޮށް އަންގާރަ، ބުދަ މި ދެ ދުވަހު ފުދޭ ވަރަކަށް ވައި ގަދަކޮށް މިއުޅެނީ. ލ. އަތޮޅުން ފެށިގެން އުތުރުގެ ސަރަހައްދުތަކަށް 15 މޭލާއި 25 މޭލާ ދެމެދު ވައި ގަދަވުމުގެ ފުރުސަތު އެބައޮތް. ލ. އަތޮޅުން ދެކުނަށް އާއްމުކޮށް ވައި އުޅެނީ 10 މޭލާއި 20 ދެމެދުގައި. އެންމެ ދެކުނުގެ ސަރަހައްދަށް އާދައިގެ ވަރަކަށް ގަދަކޮށް މިއުޅެނީ،" އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އޭގެ އިތުރުން މިއަދު މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ހޯމަ، އަންގާރަ، ބުދަ ދުވަހު ގަދަވަޔާއެކީގައި ވިއްސާރަކުރުމުގެ ފުރުސަތު އެބައޮތް. ދަތުރުކުރުމުގައި ސަމާލުވާން ޖެހޭނެ ދުވަސްތައް މި އަންނަނީ. ރާޅުގެ އުސްމިން އުލޭނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެ އާއި އުތުރުގައި ހަތް ފޫޓާއި ނުވަ ފުޓާއި ދެމެދުގައި. އެވްރެޖުކޮށް ވައިގަދަވެގެންދާ އިރުގައި ދެކުނުގެ ސަރަހައްދަށް ތިން ފޫޓާއި ހަ ފުޓާ ދެމެދުގައި (ރާޅު) އުފުލޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފައެވެ. އަދި ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.

އޭގެ އިތުރުން މެޓުން ވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓުން ވަނީ އެއްގަމުންނާއި ކަނޑުދަތުރުތައް ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.