ދޮގު ހަބަރު ފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދޮގު ހަބަރުފެތުރުމަކީ ދިވެހި މުޖުތަމައުގައި މޫލައިފައި އޮތް ބޮޑު ހަލާކެއް ކަމަށާއި ދޮގު ހެދުމާއި ނެތިނުބައިކިޔުމުގެ ބާޒާރުގައި އެތައް ބަޔަކު އަވަދިނެތި އުޅޭ ކަމަށެވެ.

އެކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ލޮޅުން އަރައި، ހިދުމަތްތެރިން މާޔޫސްވެ، ރަހުމަތްތެރިކަން ރޫޅިގެން ގޮސްފައިވާއިރު، އެފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދޮގު ފެތުރުމުގެ ސަބަބުން ވަކިވަކި މީހުންގެ އިތުރުން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭއިރު ބައެއް ފަހަރަށް ފަތުރާލާ ދޮގު ހަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި ކަމަށެވެ.

"ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭއިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ މުޖުތަމައަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ދީނީ އަހުލާގީ އިޖުތިމާއީ މިންގަނޑުތައް ފުނޑުފުނޑުކޮށް ފަނާކޮށްލަން ބައިވެރިވުމާއި އެ ކަންކަމުން ނުކުންނާނެ ނުބައި ނަތީޖާ އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ގައުމުގެ އަހުލާގީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮންފަދަ ބޮޑު ހިޔާނަތެއްތޯ؟،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އިސްލާމްވުން ފާހަގަކުރާ ދުވަހު ދިވެހިން ނަމޫނާ ލިބިގަންނަންވީ މުނާފިގުން ދުނިޔެއަށް ތައާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ނަމޫނާ ލިބިގަންނަންވީ ކީރިތި ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި، ރިވެތި އަހުލާގީ ސިފަފުޅުތަކުން ކަމަށާއި ދިވެހިން ވާންވީ އަނެކުންގެ ހިތަށް ފިނިކަމާއި ހިތްހަމަޖެހުން ގެނެސްދޭ މިތުރަކަށް ކަމަށް ވިދާޅުވިއެވެ.

"ތިޔައިން ކޮންމެ ބޭފުޅަކު ވެސް މި ވަގުތު މިތަނުގައި އަމިއްލަ ނަފުސުގެ މައްޗަށް ވައުދެއްވެވަޑައިގަތުން. ދޮގު ހަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން އަޒުމު ކަނޑައެޅުއްވުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒުގާއި މުއްސަނދިކަން މިފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން،" ރައީސް ވިދާޅުވިއެވެ.