ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓް، ލަބެރަ ޗެލެންޖް 2024 ގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަންކަންވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ކާމިޔާބު ކޮށްފިއެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބާއްވާފައިވާ ލަބެރާގެ މިއީ ތިންވަނަ އެޑިޝަންއެވެ. މިފަހަރު ލަބެރާ އެނބުރި އައިސްފައި ވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރާގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. މީގެ ކުރިން ދެ ފަހަރު ވެސް ލަބެރާ ޗެލެންޖްގެ ފިރިހެން އޯޕަން ބައި ކާމިޔާބުކުރީ ކުޑަ އައްޔައެވެ. މިއީ އައްޔަ ޖެހިޖެހިގެން އެ އިވެންޓް ކާމިޔާބުކުރި ތިން ފަހަރެވެ.
ވަރުނުލާ ރާޅުގަނޑުގައި މިއަހަރު އިވެންޓްގެ ފައިނަލް ހީޓްތައް އިއްޔެ ކުރިއަށް ގޮސްފައިވާ އިރު، ފިރިހެން އޯޕަން ފައިނަލުގައި ކުޑަ އައްޔަ ވާދަކުރީ އަލީ ޖާވިދު (ޖާއްޓެ) އާއެވެ. ޖުމުލަ 21 އެތުލީޓުންގެ ވާދަވެރިކަން ފިރިހެން އޯޕަން ބައިގައި ފެނިގެން ގޮސްފައިވާ އިރު، ކުޑަ އައްޔަ ޗެމްޕިއަންކަން ޔަގީންކުރީ 10.57 ގެ ސްކޯއަކުންނެވެ. ޖާއްޓެއަށް ފައިނަލް ހީޓްގައި ހޯދުނީ 9.17 ގެ ސްކޯއެކެވެ.
ޖޫނިއާ ޑިވިޝަނުގެ ފައިނަލުގައި އިއްޔެ އިޔަން އަހުމަދާއި މުހައްމަދު އަޒާން އަހުމަދު ވާދަކޮށް، އަޒާން ޗެމްޕިއަންކަން ހޯދީ 8.73 ގެ ސްކޯއެއް ހޯދައިގެންނެވެ. އިޔަންއަށް ހޯދުނީ 7.57 ގެ ސްކޯއެކެވެ.
ޑްރޮޕް ނީ ކެޓަގަރީގެ ފައިނަލުގައި އާމިން އުމަރު މޫސާއާ ދެކޮޅަށް ނުކުމެ، ކުޑަ އައްޔަ ވަނީ 9.33 ގެ ސްކޯއެއް ހޯދައިފައެވެ. އާމިންއަށް ހޯދުނީ 4.30 ގެ ސްކޯއެކެވެ.
ގައުމީ ބޮޑީބޯޑިން ލީގުގެ އެއްވަނައިގައި މިވަގުތު ކުޑަ އައްޔަ އޮތް އިރު، ދެވަނައިގައި އޮތީ ޖާއްޓެއެވެ. ތިންވަނައިގައި އޮތީ އަހުމަދު ނަޒްމީނެވެ. ގައުމީ ލީގުގައި އަދި އެއް އިވެންޓް ކުރިއަށް އޮތުމުން މިއަހަރުގެ ޓައިޓަލްއަށް ފޯރިގަދަވާނެއެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)