ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއޭ ކިޔޭ ސަރަހައްދެއް އިންޑިޔާ ކަނޑުގައި އޮވެއެވެ. ދިވެހިރާއްޖޭގެ ދެކުނުން ރާއްޖެއާ ވަރަށް ގާތުގައެވެ. އައްޑުއަތޮޅުން ފެށިގެން ދެކުނަށް ގާތްގަޑަކަަށް 450 ކިލޯމީޓަރު ދުރުގައެވެ. އެ ސަރަހައްދަކީ ދިވެހިން ފޯޅަވައްސޭ ކިޔައިއުޅޭ ސަރަހައްދެވެ. އެއީ ފޯޅަވަހީގެ އަތޮޅުތަކާއި ރަށްތަކެވެ. ގާތްގަޑަކަށް ހަތް އަތޮޅެއްގެ މައްޗަށް ބެހިގެންގޮސްފައިވާ ހާހެއްހައި ރަށެވެ. ކުދިކުދި ފިނޮޅުތަކުން ފެށިގެން ބޮޑެތި ރަށްރަށެވެ. އެންމެ ބޮޑު ރަށަކީ އެންމެ ދެކުނުގައިވާ ޑިއޭގޯ ގާސިޔާއެވެ. އެއީ އެމެރިކާ އާއި އިނގިރޭސިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒު ގާއިމް ކުރެވިފައިވާ ރަށެވެ. ދިވެހިން އާއްމު ގޮތެެއްގައި ފޯޅަވައްސޭ ކިޔަނީ ޑިއޭގޯ ގާސިޔާއަށެވެ. ޗާގޯސްގެ މި އަތޮޅުތަކަށް ކުރީޒަމާނުގެ ދިވެހިން ކިޔައިއުޅުނު ނަމަކީ ފެހެންދީބެވެ. މީގެ ގާތްގަޑަކަށް ފަސްސަތޭކަ އަހަރު ކުރިން މިއީ ދިވެހިރާއްޖޭގެ ހުކޫމަތުގެ ދަށުގައިވާ ދިވެހީންގެ ރަށްތަކެއްކަން ރާއްޖޭގެ ބައެއް ރަސްރަސްކަލުންގެ ފަތްކޮޅުތަކުން އެނގެއެވެ.
މިރަށްތައް ވިލާތުގެ މުސްތައުމިރުން ޖަހައިގަތީ ނުވަތަ ފޭރިގަތީ އެއަށްވުރެ މާފަހުންނެވެ. އެންމެ ފުރަތަމަ ޕޯޗުގީޒުންނާއި ފަރަންސޭސިންނެވެ. އެއަށްފަހު އިނގިރޭސިންނެވެ. މި ރަށްތަކުގެ މައްޗަށް އިނގިރޭސިންގެ ހުކޫމަތު އޮންނަތާ ދުއިސައްތަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިޒަމާނަށް ފެށިގެން އައިއިއިރު އެއީ ލަންޑަނުގެ ވެރިކަމުގެ ދަށުގައިވާ ތަންތަނެވެ. އެގޮތުން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއަކަށްވީއެވެ. އިންޑިޔާ ކަނޑުގައިވާ އިނގިރޭސީންގެ ސަރަހައްދަކަށްވީއެވެ. އިންޑިޔާ ކަނޑުގައި ހުރި އިނގިރޭސިންގެ އެހެނިހެން ކޮލޮނީތަކަށް މިނިވަންކަންދީ ލަންޑަނުގެ ޗޭނު މޮހައިލި ކަމަށްވިޔަސް މިހާތަނަށްވެސް ޗާގޯސް އޮތީ ކުރިން ދެންނެވި އުސޫލުން އިނގިރޭސިންގެ އަމިއްލަ މިލްކެއްގެ ގޮތުގައެވެ. އޭގެ މާނަޔަކީ ޗާގޯސްގެ މައްޗަށް އެހެން ބަޔަކު ދައުވާ ނުކުރުމެއް ނޫނެވެ. ޗާގޯސްއާ އެތައްހާސް ކިލޯމީޓަރެއްގެ ދުރުގައިވާ، ނުވަތަ މާދުރުގައިވާ މޮރިޝަސްއިން ދިޔައީ ޗާގޯސްގެ މައްޗަށް ދައުވާ ކުރަމުންނެވެ.
މި ދައުވާޔަކީ 1968 ވަނަ އަހަރު މޮރިޝަސްއަށް މިނިވަންކަން ލިބުނީއްސުރެ އެގައުމުން ކުރަމުން އަންނަ ދައުވާއެކެވެ. މޮރިޝަސްގެ މި ދައުވާއަށް ވާގިވެރިވެ ތާއީދު ކުރަމުން އަންނަނީ އިންޑިޔާއިންނެވެ. އދ. އަށާއި ދުނިޔޭގެ ކޯޓަށާއި ދެންވެސް މިކަން ބެލުމުގެ ހައިސިއްޔަތު ލިބިފައިވާ އެންމެހައި އިދާރާތަކަށް ހުށައަޅައިގެން ވަކާލާތު ކުރަމުންއައިސް މިއެންމެހައި ތަންތަނުންވެސް އެއީ މޮރިޝަސްގެ ހައްގެއް ކަމަށް ނިންމައިފިއެވެ. އެގޮތަށް ނިންމަން ފަސޭހަވީ ޗާގޯސްއާ އެންމެ ގާތުގައިވާ އަދި ގުދުރަތީގޮތުން ޗާގޯސް އުފެދިފައިވާ އަށީގެ އެއްބައިގައި އޮތީ ދިވެހިރާއްޖެ ކަމަށްވެފައި ދިވެހިރާއްޖެއިންވެސް އެއީ މޮރިޝަސްގެ ހައްގެއް ކަމަށް އިއުތިރާފުވެ ލިޔުން ދިނުމުންނެވެ. ކޮންމެއަކަސް އިނގިރޭސިންގެ ހުކޫމަތު ނިމުމަކަށް ގެނެސް މޮރިޝަސްއާ ހަވާލުކުރަން މަޖުބޫރުވީމާ ފަރުދާގެ ފުރަގަހުގައި މޮރިޝަސްއާއި އިނގިރޭސިވިލާތުން މަޝްވަރާތަކެއް ކުރިއަށް ގެންދާތާ ދެ އަހަރު ވެއްޖެއެވެ.
މިދެންނެވި ދިގު މަޝްވަރާތައް މިހަފުތާގައި ނިމުމަކަށް އަތުވެއްޖެއެވެ. މަޝްވަރާތައް ނިމުނީ މޮރިޝަސްއަށް ކާމިޔާބު ލިބިގެންނެވެ. ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ މައްޗަށް އިނގިރޭސިން ދަމަހައްޓަމުންއައި ހުކޫމަތު ނިމުމަކަށް ގެނެސް ރިޕަބްލިކް އޮފް މޮރިޝަސްއާ ރަސްމީކޮށް އެ ސަރަހައްދު ހަވާލުކުރަން އިނގިރޭސި ސަރުކާރުން މިހާރުވަނީ އެއްބަސްވެ އެކަން މިހަފުތާގައި އިއުލާންވެސް ކޮށްފައެވެ. އިތުރަށް ކަމެއް ނިންމަން އޮތިއްޔާ ދެން އެކަމަކީ ހަވާލުކުރާނޭ ތާރީޚަކާއި ވަގުތު ނިންމުމެވެ. މިއީ ކިހައިވަރެއްގެ ނިންމުމެއް ބާވައެވެ. ހަގީގަތުގައިވެސް މިއީ ވަރަށް ބޮޑު ނިންމުމެކެވެ. ޗާގޯސް ހިމެނެނީ އޭޝިއާ ކޮންޓިނެންޓްގެ ބައެއް ކަމުގައެވެ. މޮރިޝަސް ނިސްބަތްވަނީ އެފްރިކާ ކޮންޓިނެންޓަށެވެ. މޮރިޝަސްގެ ސަރަހައްދަކަށް ޗާގޯސްވުމުގެ މާނަޔަކީ ޓްރާންސް ކޮންޓިނެންޓަލް ގައުމަކަށް މޮރިޝަސްވުމެވެ. އެއް ކޮންޓިނެންޓަށްވުރެ ގިނަ ކޮންޓިނެންޓަށް ނިސްބަތްވާ ގައުމަކަށްވުމެވެ.
ކޮންމެއަކަސް ރަޝިޔާ އާއި ކަޒަކަސްތާނާއި ތުރުކީއާއި މިސްރުފަދަ ޓްރާންސް ކޮންޓިނެންޓަލް ގައުމަކަށް މޮރިޝަސް މިހާރު އެވަނީ ވެފައެވެ. ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލި ކަމަށްވިޔަސް ޑިއޭގޯ ގާރސިޔާއިން ފައިބާކަށް އިނގިރޭސިން އަދި ބޭނުމެއް ނުވެއެވެ. ޑިއޭގޯ ގާރސިޔާގައި އޮތް އަސްކަރީ މަރުކަޒު އިންޑިޔާ ސިފައިންގެ މަރުކަޒަކަށްވާން އެމެރިކާވެސް އަދި އިނގިރޭސިވިލާތްވެސް ބޭނުމެއް ނޫނެވެ. މަޝްވަރާތައް މިހާ ދިގުދެމިގެންދިޔުމުގެ ސިއްރަކީ އެއީއެވެ. ދެންހަދާނީ ކިހިނެއްބާވައެވެ. ޑިއޭގޯ ގާރސިޔާގެ މައްސަލައާމެދު އެއްބަސްވެވުނުގޮތަކީ ކޮބައިހެއްޔެވެ. ޑިއޭގޯ ގާރސިޔާ ދެންވެސް އޮންނާނީ އިނގިރޭސިންނާއި އެމެރިކާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. އެތަނަކާ މޮރިޝަސް ގާތެއް ނުވާނެއެވެ. ކުރިއަށްއޮތް ނުވަދިހަނުވަ އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި އެރަށަށް އިނގިރޭސިންނާއި އެމެރިކާއިން ކޮންމެއަހަރަކުވެސް ކުލި ދައްކާނެއެވެ. މޮރިޝަސްއަށް ބޭނުންވާ އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.
ޑިއޭގޯ ގާރސިޔާ ފިޔަވައި ޗާގޯސްގެ އެހެނިހެން ރަށްރަށުގައި މީހުން ވަޒަންވެރިކޮށް ފަތުރުވެރިކަން ތަރައްގީކޮށް މަސްފެކްޓަރީ އަޅައި ދެންވެސް މޮރިޝަސް ބޭނުންހައި ކަމެއް ކުރެވޭނެއެވެ. މޮރިޝަސްއަށް ރޯޔަލްޓީ ލިބޭގޮތަށް ޗާގޯސްގެ ވަށައިގެން ދާޖަހައިގެން މަސްހިފުމުގެ ހުއްދަ ޖަޕާނާއި ދެކުނު ކޮރެޔާ ފަދަ ގައުމުތަކުގެ ކުންފުނިތަކަށްވެސް ދެވޭނެއެވެ. މަސްވެރި ގައުމަކަށް ނުވިޔަސް އިންޑިޔާ ކަނޑުގެ ކަނޑުރޯދި ކޮންޓްރޯލް ކުރުމުގެ ބާރުވެރިކަން މޮރިޝަސްއަށް ލިބޭނެއެވެ. މިހާރުން ފެށިގެން އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތުގެ މަޝްވަރާތަކަށްފަހު ދެން ވަރަށް އަވަހަށް އޮތީ ރަސްމީ މުއާހަދާގައި ސޮއިކުރުމެވެ. މިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އިންޑިޔާ ކަނޑުގައި ރާއްޖެއާ ޖެހިގެން މިވަރުގެ ބޮޑުކަމެއް ހިނގައިދިޔައިރު ދިވެހީންގެ އަޑެއް އަދިނީވެއެވެ. ކިޔާނެ އެއްޗެއް ނެތީކަމަށް ވެދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ