އުތުރު މެރިޓައިމް ސާވިސް (ޔޫއެމްއެސް)ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ޔޫއެމްއެސްގެ ދަށުން ތައާރަފުކުރި ބައެއް ހިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ކަމަށާއި ޕެނަމާއަށް ނިސްބަތްވާ އެ ބޯޓު ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫ ދާބީން ފުރައިގެން ޗައިނާއަށް ދިއުމަށް ކަމަށެވެ.
އެ ބޯޓުން ކުރޫން ބަދަލުކުރުމަށް ފަޅުވެރިން މިއަދު ހަވީރު ހއ. އުލިގަމަށް ފައިބައި އެ ރަށުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިއާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކަކާއެކު ހޫނު މަރުހަބާއެއް ކިޔާފައި ކަމަށާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ފަޅުވެރިންނަށް މަރުހަބާ ކިއުމުގެ ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި ހޯރަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަލީ މޫސާ އަދި އުލިގަމު ކައުންސިލުގެ ރައީސް އަހުމަދު މުއާޒް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިއާ" އަކީ އުލިގަމުގައި އެމްޕީއެލުން ގާއިމުކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.
އުލިގަމަށް ފޭބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ "ޖިއަން ޖިއޭ" ބޯޓުގެ ކެޕްޓަން ބުނީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި "މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ" ކަމަށެވެ.
"ވިހި އަހަރު އަހަރެން މި ދާއިރާގައި މަސައްކަތްކޮށްފިން. އެކަމަކު މިހާތަނަށް ޒިޔާރަތްކުރި އެއްވެސް ތަނަކުން، މިހާ ފުރިހަމަ މެހެމާންދާރީއެއް ތަޖުރިބާއެއް ނުކުރަން،" ކެޕްޓަން ބުންޏެވެ.
އެމްޕީއެލުން ބުނީ އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫއެމްއެސްގެ ހިދުމަތުގެ ދަށުން ކުރޫން ބަދަލުކުރުމުގެ ހިދުމަތާއި ފެނާއި ސަޕްލައި، ކުނި ނައްތާލުން އަދި ބައެއް ސްޕެއާ ޕާޓްސް ހޯދުމަށް އެދިފައި ކަމަށާއި އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި އެ އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކްރޫ ބަދަލުކުރުމުގެ ހިދުމަތުގައި އެ އުޅަނދުގައި މިވަގުތު ތިބި ނުވަ ފަޅުވެރިން ރާއްޖެއިން ފުރުވާލާނެ ކަމަށާއި އަދި ރާއްޖެއަށް ވައިގެ މަގުން އަންނަ ހަ ފަޅުވެރިން ހއ. އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމުތައް ކުރިއަށްގެންދާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ އުޅަނދަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވާނެއެވެ.
އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފެށީ ރާއްޖޭގެ އިގުތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިގުތިސާދަށް އިތުރު މަންފާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތެކެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ އެ ހުރިހާ ހިދުމަތެއްގެ މައުލޫމާތު އެއްތަނަކުން ފޯރިކޮށްދިނުމަށް ޔޫއެމްއެސް ވެބްސައިޓު މިހާރު ވަނީ ތައާރަފުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު