ބޮޑީބޯޑިންގެ އާ ޖީލެއް އުފެއްދުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ކުރިއަށްގެންދާ ހުދުފޮނު ކްލިނިކްގެ ތިންވަނަ އެޑިޝަންގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު އެމްބީބީއޭއިން ހުދު ފޮނު ކްލިނިކް ކުރިއަށް ގެންދަން ނިންމާފައި ވަނީ ބޮޑީބޯޑިން ލީގުގެ އެންމެފަހު އިވެންޓް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖް 2024 އަކާ ދިމާކޮށެވެ. ލަބެރަ އެނބުރި އައުމާއެކު މިފަހަރުގެ ބޮޑީބޯޑިން ކަލަންޑްރުގެ ފަހު އިވެންޓެއްގެ ގޮތުގައި މިހާރު ދަނީ އެ އިވެންޓް ކުރިއަށް ދަމުންނެވެ. އިވެންޓް މިއަދު ނިންމާލަން އެމްބީބީއޭއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްބީބީއޭގެ ވައިޑީޕީ ޕްރޮގްރާމް ކަމަށްވާ ހުދު ފޮނުގެ ތިންވަނަ ބޮޑީބޯޑިން ކްލަނިކްގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބޮޑީބޯޑިން އަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެންނެވެ. ކްލިނިކް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނުއެވެ.

ކްލިނިކްގައި ބައިވެރިވާން ބޭނުންވާ ކުދިން އެމްބީބީއޭގެ ފޭސްބުކް މެދުވެރިވެ، ގޫގަލް ފޯމް ފުރިހަމަ ކުރުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ. އެ ފޯމާއެކު ހުދު ފޮނުގައި ބައިވެރިވާ ކުދިންގެ އެއްބަސްވުންވެސް ހިމަނާފައިވެއެވެ.

މީގެ ކުރިންވެސް ކާމިޔާބު ހުދު ފޮނު ކްލިނިކްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރު ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ 2024 އާ ގުޅުވައިގެން ހާއްސަ ކްލިނިކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ކްލިނިކްގައި ވިސިޓް މޯލްޑިވްސް ޕްރޯ ވޯލްޑް ޓުއާ އިވެންޓްގައި ވާދަކުރި ދުނިޔޭގެ ޗެމްޕިއަނުން ވަނީ ގިނަ ކުދިންތަކަކަށް ބޮޑީބޯޑިންގެ ހާއްސަ ފިލާވަޅުތައް ނަގައިދީފައެވެ.