ސިނާއީ ބޭނުމަށް ހުޅުމާލޭ ފޭސް ދޭކުން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ އުސޫލުން ވިއްކާ ހުޅުމާލޭ ބިންތަކުގެ ތެރޭގައި ހިމެނެނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ، 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެއް ކަމަށެވެ.

އެ ބިންތައް ވިއްކާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެޗްޑީސީން ކަމަށެވެ. 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބިން ގަތުމަށް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. ބިން ގަތުމަށް ބީލަން ހުށަހަޅަނީ ކުންފުންޏަކުން ނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސަންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ ބިޑުކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ ކަމަށެވެ. އަދި ކޮންމެ ފަރާތަކަށް ވެސް ޖުމުލަ ތިން ބިން ގަނެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ފޭސް ދޭކުން ވިއްކުމަށް ހުޅުވާލާފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަަށާއި އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.