ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ތަކެތި ނަގަން އަންގައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕްރޮޖެކްޓު 2 ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދު ހުސްކުރުމާ ގުޅޭގޮތުންނާއި ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭގޮތުން މީގެ ކުރިން ވެސް އިއުލާންކޮށްފައިވާނެ ކަމަށެވެ.
އެ އިއުލާނުގައި ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް ދެންނެވިފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އެކަމަށް އިޖާބަދީފައިނުވާކަން ފާހަގަކުރާ ކަމަށާއި އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި، މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެދޭ ކަމަށާއި ހުސްކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ތަފްސީލު ވެސް އާންމުކުރާ ކަމަށެވެ.
"ދެންނެވުނު މުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާ ނަމަ، އެ ތަކެއްޗަކީ ވެރި ފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، މި ކޯޕަރޭޝަނުން އެފަދަ ތަކެއްޗާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ މުއްދަތަށްފަހު ތަކެތި ނަގާ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު