މާލޭގެ އާސަހަރާ މިސްކިތާއި އާސަހަރާގެ މަރާމާތަށްފަހު ހުޅުވުމަށް ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށްފަހު ހުޅުވުމަށް ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 165 ވަނަ އާއްމު ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
މަރާމާތަށް އާސަހަރާ މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން، އެ މަސައްކަތަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އެ މަސައްކަތާ ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް ފައިސާ ދިން ނަމަވެސް، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލުކުރަން ޖެހުނެވެ.
އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނި އަތުން އެ މަސައްކަތް ނަގަން ޖެހުނީ ސްރަކްޗާ މަސައްކަތްތައް ރަނގަޅަށް ކުރަމުންނުދާތީ ކަމަށެވެ. އަދި އެ ފަހުން އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވީ އެ ތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.
އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ޖުމުލަ 71.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާސަހަރާ ބަންދުކުރުމުގެ ސަބަބުން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް ބޭއްވުމާއި ޖަނާޒާތައް ބޭއްވުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. އާސަހަރާ ބަންދުކުރި ފަހުން ވަގުތީގޮތުން ޖަނާޒާ އާއި ވަޅުލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭ ސަހަރާގައެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ ގިނަ ދަތިތަކާއެކު ވެސް އާސަހަރާ މިސްކިތާއި އާސަހަރާގެ މަސައްކަތް ނިމި، އަންނަ ހުކުރު ދުވަހު އާސަހަރާ މިސްކިތް ހުޅުވާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިވާ ކަމަށާއި ހުރިހާ ކައުންސިލަރުން މަސައްކަތަށް ދެއްވި އެއްބާރުލުމަށްޓަކައި ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އާސަހަރާ މިސްކިތް އެއްކޮށް ނުނިމުނު ނަމަވެސް، މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މިސްކިތުގެ ތިރީ ބައި ވަނީ ހުޅުވައިފައެވެ. ނަމަވެސް އޭރުވެސް އާސަހަރާ އެއްކޮށް ހުޅުވުމަށް ނިންމާފައިވަނީ މިސްކިތުގެ މަތީ ބައިގެ މަރާމާތް ނިމުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު