މެރިކަލްޗާގެ ވިޔަފާރިތައް ތަރައްގީ ކުރުމުގެ ބޭނުމުގައި ހެޗަރީތަކެއް ހަތަރު ޒޯނެއްގައި ހަދަން ނިންމައި، ފާނަ އާލާ ކުރަން ވެސް ބޮޑު ސަރަހައްދެއް ހަމަޖައްސަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިކޮށް، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރަން ކުރިއަށް ގެންދާނެ ކަންކަން ނިންމާފައިވާ ކަމަށެވެ.
އެ ކަންކަން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމްކުރަން ހެޗަރީތައް ހަދައި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައި ވަކި ޒޯނުތަކެއް މެރިކަލްޗާ ތަރައްގީ ކުރަން ކަނޑައަޅާފައިވާ ކަމަށެވެ. އެ ތަންތަން ތަރައްގީކުރާނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
- ބޮޑުތިލަދުންމަތި ހދ. އަތޮޅު އަދި ށ. އަތޮޅު މެރިކަލްޗާ ޒޯން
- މާޅޮސްމަޑުލު އުތުރުބުރީ ރ. އަތޮޅު މެރިކަލްޗާ ޒޯން
- މުލަކަތޮޅު މ. އަތޮޅު މެރިކަލްޗާ ޒޯން
- ކޮޅުމަޑުލު ތ. އަތޮޅު މެރިކަލްޗާ ޒޯން
މެރިކަލްޗާ އާލާކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ވެސް ކަނޑައަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަ ކުރެވޭ މޫދު ކޮށީގެ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާނެ ކަމަށެވެ.
އޭގެއިތުރުން މެރިކަލްޗާ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު