ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރޭގައި ހިމެނޭ ކ. މާފުށި، މާވިނަ، ޒަޔާން އަހުމަދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ ވަޒީފާގައި ހުރެ، ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާ ހިލާފުވެ، ހުއްދަ ނޫން ކަންކަން ހިންގައި އެކަންކަމުގެ މާލީ މަންފާ ހޯދައި އަދި އެކަމުގައި ޝާމިލްވާ މީހުންގެ ނަންމަތީގައި ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓުން، އޭނާ އަދާކުރަމުންދާ ވަޒީފާއާ ނުބައްދަލު ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޒަޔާން، މާފުށި ޖަލު އާމަރީ ކުރިމަތިން ޖޫން މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ.

ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

މި މައްސަލައަކީ އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ބުނެ ކުރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބެލި މައްސަލައެކެވެ.

ޒަޔާންގެ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެންމެ ނުކުތާއެކެވެ.

އެ ނުކުތާގައި ފާހަގަކޮށްފައި ވަނީ، އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ކަނޑައަޅާފައި ވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެ ނުކުތާގައި ބުނެފައި ވަނި ޒަޔާންއަކީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއި އޭނާ ހައްޔަރުކުރީ މާފުށީގައި ހުއްޓައި ކަމަށްވާ އިރު، އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ތިން ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވުނީ މާލެ ފިޔަވައި އެހެން ރަށަކުންނަމަ، އެމީހެއްގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހާޒިރުކުރަން ޖެހޭނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް އޭނަގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި ވަނީ އެ މާއްދާއާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޒަޔާންގެ ބަންދާ މެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅާފައި ވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ނެރެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ހައިކޯޓުގައި އޭނާގެ ފަރާތުން އެދުނެވެ.

ނަމަވެސް ދައުލަތުން އެދުނީ އިސްތިއުނާފުކޮށްފައިވާ އަމުރު ނެރެފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވުނީ މާލެ ފިޔަވައި އެހެން ރަށަކަށްވެފައި، އެއީ މެޖިސްޓްރޭޓް ކޯޓެއް ހުންނަ ރަށެއްނަމަ، އެ މީހަކު ބަންދުކުރިތާ 24 ގަޑިއިރު ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމުގެ އިހުތިސާސް، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ލިބިގެން ވާކަން ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އަދި އެ މީހަކު ހައްޔަރު ކުރި ރަށުގެ މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު ގޮތެއް ނިންމެން ނެތް ހާލަތެއްގައި ވެސް، އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހެނީ އެ ދާއިރާއަކާ ހަވާލުވެ ހުރި މެޖިސްޓްރޭޓް ކަނޑައަޅާ، އެ ދާއިރާގެ އެހެން މެޖިސްޓްރޭޓް ކޯޓަކުންކަން އެނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެކަންތައްތަކަށް ބަލާއިރު، މި މައްސަލައިގެ ބަންދާ މެދު ގޮތެއް ނިންމުމުގެ އިހުތިސޯސް ކުރިމިނަލް ކޯޓަށް ލިބޭނެ ގޮތެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޝަރީއަތް ނިމެންދެން ޒަޔާން ބަންދު ކުރުމަށް ކުރުމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ގާޒީގެ އިއްތިފާގުން ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުލް މާނިއު ހުސެއިން އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވައްދައިދިނުމުގެ ތުހުމަތުގައި ޖަލު އޮފިސަރުންތަކެއް ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެ މައްސަލައިގައި 13 ޖަލު އޮފިސަރުން ހައްޔަރު ކުރި އިރު، އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވައިފައެވެ.

އޭގެ ތެރެއިން ދައުވާ ކުރީ ފަސް މީހެއްގެ މައްޗަށެވެ. ހެކި ނެތުމުގެ ސަބަބުން ދެން ތިބި އަށް މީހުންގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާކުރީ ރ. އުނގޫފާރު/ އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް އާއި ކ. މާފުށި/ ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ/ ތަރާނާގެ، އަލީ ނާޒިމްގެ އިތުރުން ގއ. ވިލިނގިލި/ ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އާއި ނ. ލަންދޫ/ ކާމިނީގެ، އަލީ އަސްފާގްގެ މައްޗަށެވެ.