އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް (ސައުތު އެފްރިކާ ވ. އިޒްރޭލް)" މައްސަލައަށް ރާއްޖެއިން ތަދައްހުލުވުމަށް ހުށަހަޅަންޖެހޭ "ޑެކްލެރޭޝަން އޮފް އިންޓާވެންޝަން"، ރާއްޖެއިން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއިން އެ މައްސަލައަށް ތަދައްހުލުވުމަށް ހުށަހަޅާފައިވަނީ މައްސަލައަށް ރާއްޖެއިން ކަނޑައަޅައިފައިވާ އެޓާނީ ޖެނެރަލް އަހުމަދު އުޝާމުގެ ފަރާތުން މިއަދު ކަމަށެވެ.

އެ މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ދެކުނު އެފްރިކާއިން ހުށަހެޅި އެ މައްސަލައިގައި ވަނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒަގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށެވެ.

"ދިވެހިރާއްޖެއިން މިއަދު ހުށަހެޅި އިންޓާވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން 'އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް' އަދި 'ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް' މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ..،" އޭޖީ އޮފީހުން ބުންޏެވެ.

ރާއްޖެއިން ދަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ އަމަލުތަކެއްކަމާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ބައިނަލްއަގުވާމީ މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

އެގޮތުން، ނިމިދިޔަ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި، ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަގުވާމީ ނިޒާމަށް މަލާމާތެއް ކަމަށް ވިދާޅުވެފައިވެ. އަދި ވިދާޅުވެފައިވަނީ އދ.ގެ ގަރާރުތަކާއި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފު، އެ ނިރުބަވެރިކަމުގެ އަމަލުތަކަށް އިޒްރޭލުން ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.

ފަލަސްތީނާއި އިޒްރޭލު މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުންކަމަށްވާ އިރު، އެ ހައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ އެކިއެކި ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ދީފައެވެ.