ކުރީ ސަރުކާރުގައި ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކޮށް، ފައިސާ ޗާޕުކުރުމާ ގުޅިގެން ބޭންކިން ނިޒާމުގައި އިތުރުވެފައި ހުރި ފައިސާ މަދުކުރަން އޯޕަން މާކެޓް އޮޕަރޭޝަނެއް ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ.

މި ގޮތަށް އިތުރަށް ހުރި ފައިސާގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، އޯޕަން މާކެޓް އޮޕަރޭޝަންސް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްއެމްއޭ އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބުންޏެވެ.

މީޑިއާތަކާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަންގެ ސަބަބުން ސަރުކާރުގެ ކޭޝް ފްލޯ މެނޭޖުކުރުމުގައި ދަތިތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް ޗާޕުކޮށްފައި ހުރި ފައިސާ މަދުކުރާނީ އެއްފަހަރާ ނޫން ކަމަށް ވިދާޅުވިއެވެ.